ޚަބަރު

އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން މުބާރާތުގައި ރާއްޖޭގެ ޓީމުތައް ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވެއްޖެ


އިންޑިއާގައި ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ 28 ވަނަ މުބާރާތް (އައިޓީޓީއެފް - އޭޓީޓީޔޫ އޭޝިއަން ޓީމްސް ޗެމްޕިއަންޝިޕް) ގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރި ފުރަތަމަ މެޗުތަކުން ބަލިވެއްޖެއެވެ.

އިންޑިއާގެ ބުބަނޭސްވަރްގެ ކަލިންގާ ސްޓޭޑިއަމްގެ އެތްލެޓިކްސް ސެންޓަރުގައި ކުރިޔަށް ދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ އިރާން އާއި މޮންގޯލިއާ ހިމެނޭ ގުރޫޕް ދޭއްގައެވެ.

ގައުމީ ޓީމުގެ ކޯޗު އީރާންގެ މަހްދީ ހޮސްމަރަމްގެ އިރުޝާދު ދަށުން މި މުބާރާތަށް ތައްޔާރުވި އެތުލީޓުންނަކީ މޫސާ މުންސިފް އަހުމަދު، މުހައްމަދު ޝައްފާން އިސްމާއިލް، އަހްޔަރް އަހުމަދު ހާލިދު އަދި މުހައްމަދު ހަލަފް ރާފިއު އެވެ. އަންހެން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ފާތިމަތު ދީމާ އަލި، އައިޝަތު ރަފާ ނާޒިމް، އައިޝަތު އަލްސާ ނާފިޒު، އަދި މިޝްކާ މުހައްމަދު އިބްރާހިމްއެވެ. ރާއްޖޭގެ ޓީމުގެ މެނޭޖަރަކީ އަހުމަދު ޝާޒިލްއެވެ.

މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ކުޅުންތެރިން އިއްޔެ މޮންގޯލިއާއާއި ދެކޮޅަށް ކުޅުނު މެޗުތަކުން 1-3 ން ވަނީ ބަލިވެފައެވެ. އިރާން އަތުންވެސް ރާއްޖެ ވަނީ 3-0 ން ބަލިވެފައެވެ.

އަންހެން މެޗުތަކުން ކަޒަކިސްތާން އަތުން ރާއްޖެވަނީ 3-0 ން ބަލިވެފައެވެ. އަދި ސިންގަފޫރު އަތުން ރާއްޖެ ވަނީ 3-0 ން ބަލިވެފައެވެ.

މި މުބާރާތުގެ ކުޅުން ކުރިޔަށްދާނީ މިމަހުގެ 15 ގެ ނިޔަލަށެވެ. ރާއްޖޭގެ ބައެއް ކުޅުންތެރިން މި މުބާރާތަށް ފަރިތަކޮށްފައިވަނީ އިރާންގެ ތަޖުރިބާކާރު ދެ ކުޅުންތެރިންނާއެކުގައެވެ. މި މުބާރާތަކީ ކުރިޔަށް ހުރި ބޮޑެތި މުބާރާތްތަކަށް ތަޖްރިބާ ހޯދުމަށް ދިވެހި ކުޅުންތެރިންނަށް ލިބޭ ފުރުސަތެކެވެ.
މި މުބާރާތަށް ފުރުމުގެ ކުރިން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢުވަނީ ރާއްޖޭގެ ކުޅުންތެރިންނާ ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައެވެ.