ވިޔަފާރި

ކ.މާފުށީގައި ދިރާގުން ފައިބަރ ނެޓްވޯކެއް ޤާއިމްކޮށްފި


ދިރާގުގެ ފައިބަރ ނެޓްވޯކް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ކ.މާފުށީގައި ފައިބަރ ނެޓްވޯކެއް ޤާއިމްކޮށް ނިންމައިފިއެވެ. މާފުށީގައި މި ނެޓްވޯކް ޤާއިމް ކުރުމާއެކު، ދިރާގުން ފޯރުކޮށްދެމުން ގެންދާ ފައިބަރ ބްރޯޑްބޭންޑްގެ އިންޓަނެޓްގެ ޚިދުމަތް އެރަށުގެ ހުރިހާ ގެތަކަށާއި ވިޔަފާރިތަކަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ދިރާގުން މަޢުލޫމާތުދޭގޮތުގައި ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މި ފެށޭ ހަފްތާގެ ބުދަ ދުވަހުން ފެށިގެން، ޚާއްޞަ ޕްރޮމޯޝަނަކާއިއެކު މާފުށީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެދުވަހުން ފެށިގެން ދިރާގުން މިހާރުވެސް ރާއްޖޭގައި ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑުކަމަށްވާ 100 އެމްބީޕީއެސްއާއި ހަމަޔަށް، އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްތައް، ކ.މާފުށީގެ ހުރިހާ ކަސްޓަމަރުންނަށް ލިބެމުންދާނެ ކަމަށް ދިރާގުން ވިދާޅުވިއެވެ.

ދިރާގުން ފައިބަރ ނެޓްވޯކް ޤާއިމްކޮށް، ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުން ދަނީ މާލެއާއި ހުޅުމާލެއަށެވެ. ކ. މާފުށި ވެގެންދާނީ މާލެ ސިޓީގެ އިތުރުން ފުރިހަމަ ފައިބަރ ނެޓްވޯކެއް ޤާއިމްކޮށް، ޚިދުމަތް ދޭންފަށާ ފުރަތަމަ ރަށަށެވެ.