ސިއްހަތު

ބ.އަތޮޅުގައި ކުރިއަށްގެންދިޔަ ރަންވޭލާ ކެމްޕެއިން ނިންމާލައިފި


އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކުރައްވައިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ފެއްޓެވި ރަންވޭލާ ކެމްޕެއިންގެ ދަށުން ބ.އަތޮޅުން ހަތްދިހައަށްވުރެ ގިނަ މީހުން ހެލްތް ސްކްރީންކޮށްފިއެވެ.

ރަންވޭލާ ކެމްޕޭންގެ ދަށުން ޖެންޑަރ މިނިސްޓްރީއާއި ބ.އަތޮޅު ހޮސްޕިޓަލް ގުޅިވަޑައިގެން ބ.އަތޮޅުގެ 4 ރަށެއްގައި ހެލްތް ސްކްރީނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން އޭދަފުށިން 47 މީހަކާއި، ދަރަވަންދޫއިން 10 މީހަކާއި، ދޮންފަނުން 8 މީހަކާއި، މާޅޮހުން 12 މީހަކު ހެލްތް ސްކްރީންކޮށްފައިވާ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެވެ. މީގެތެރޭގައި، ލޭގެ ޕްރެޝަރ ބެލުމާއި، ހަކުރު ބައްޔަށް ސްކްރީން ކުރުމާއި،ޑޮކްޓަރަށް ދެއްކުން ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ކެމްޕެއިންގެ ދަށުން ބ.އަތޮޅުގައި ތިބި ސޯޝަލް ވޯރކަރުންނާއި، ހެލްތް އޮފިސަރުންނާއި، ޒުވާނުންނަށް އަމާޒުކުރައްވައިގެން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ރަންވޭލާ ކެމްޕޭންގެމަޤްޞަދަކީ، މުޖުތަމަޢާއި ޢާއިލާގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއިއެކު، އެފަދަ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނޭ ގޮތްތައް މަގުފަހި ކޮށްދިނުމާއި، އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރަން މަސައްކަތް ކުރެއްވުމެވެ.

ރަންވޭލާ ކެމްޕެއިން އިފްތިތާޙުކުރައްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ބ. އަތޮޅުގައެވެ. މި ކެމްޕެއިންގެ ދަށުން މުޖުތަމަޢުގެ އެކި ފަރާތްތަކަށް ޢަމާޒު ކުރައްވައިގެން ހޭލުންތެރި ކުރުމުގެ ސެޝަންތަކާއި، ތަމްރީން ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ކުރިޔަށްގެންދެވުމަށް ހަމަޖެހިފައިވާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.