ސިއްހަތު

ހުޅުމާލޭ ކެންސަރ ސެންޓަރަށް މުވައްޒަފުން ހޯދަނީ


އާސަންދަ ކުންފުނީގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމްކުރާ ކެންސަރ ސެންޓަރަށް ބޭނުންވާ ދިވެހި ޑޮކްޓަރުން ތަމްރީންކުރުމާއި ވަޒީފާގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކެންސަރ ސެންޓަރގައި މަސައްކަތްކުރުމަށް އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުން ބޭނުންވާކަމަށް އާސަންދަ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ބުނާ ގޮތުގައި، މި ފުރުޞަތުގެ ދަށުން ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންނަށް ތަމްރީން ދިނުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުންނެވެ. އަދި، މުސާރައާއި އިނާޔާތްތައް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް ހެލްތްގެ މުސާރައާއި އިނާޔާތްތަކުގެ އޮނިގަނޑާއި އެއްގޮތަށްކަމަށްވެސް އާސަންދަ ކުންފުނިން ބުނެއެވެ.

މި ފުރުޞަތު ހަމައެކަނި ދިވެހިންނަށް ހުޅުވާލާފައިވާއިރު، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 އޮގަސްޓް ވާ ބުދަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖްރިބާއާއި ގުޅުންހުރި ލިޔުންތައް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.