ތަޢުލީމު

ނޭޝަނަލް އެސެސްމަންޓް ރިޕޯޓް އަންނަ މަހު ޝާޢިއު ކުރައްވަނީ


2015 ވަނަ އަހަރު ސްކޫލްތަކުގައި ހިންގި ނޭޝަނަލް އެސެސްމަންޓްގެ މަސައްކަތުގެ ރިޕޯޓް، އަންނަ މަހުގެ ތެރޭގައި ޝާޢިއުކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

"މާސްޓަރ އޮފް އެޑިއުކޭޝަން އިން އެސެސްމެންޓް ކޯސް" އިފްތިތާހް ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ތަޢުލީމީ ދާއިރާއިން ހޯދަމުން އަންނަ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ، ޕްރައިމަރީ މަރުޙަލާގެ ދަރިވަރުންނަށް ލިބިދޭން ލާޒިމުކުރާ ލިޓްރަސީއާއި ނިއުމަރަސީ އެ ދަރިވަރުންގެ ކިބައިގައި އަށަގެންފައިވާ މިންވަރު ބެލުމަށް ނެޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްސްގެ ނިޒާމެއް ޤާއިމުކުރެވި އޭގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. އެގޮތުން މިދިޔަ އަހަރު ހިންގުނު ނޭޝަނަލް އެސެސްމެންޓްގެ ނަތީޖާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝާޢިއު ކުރައްވާނެ ކަމަށެވެ.

ނެޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްސްގެ މައިގަނޑު އަމާޒަކީ، އުނގެނުމުގެ ތެރެއިން ދަރިވަރުންގެ ބަސްމޮށުންތެރިކަމުގެ ހުނަރުތަކާއި ހިސާބު ޢިލްމުގެ ހުނަރުތައް ކުރިއަރާ ތަރައްޤީވަމުންދާ މިންވަރު ދިރާސާކޮށް ދެނެގަތުމާއި،  ތަފާތު ސްކޫލުތަކުގައި ކިޔަވަމުންގެންދާ ދަރިވަރުންނަށް ބަހުގެ ގޮތުން ޙާޞިލްވަމުންދާ ނަތީޖާތަކާ ސްކޫލުގައި ކިޔަވައިދެއްވާ މުދައްރިސުންނާ އަދި އެހެނިހެން ބަހާތަކާ ދެމެދުގައިވާ ގުޅުންތައް ދިރާސާކޮށް ދެނެގަތުމަށްޓަކައި މި އިމްތިޙާނުގެ ޒަރީޢާއިން މަޢުލޫމާތު އެއްކޮށް ތަޙުޤީޤް ކުރެއްވުމެވެ. އަދި ސްކޫލު ތަކުގެ ހުރިހާ މަރުޙަލާތަކެއްގައި ދެވޭ ތަޢުލީމުގެ ފެންވަރު ބަލައި ވަޒަންކޮށް ހުރިހާ ސްކޫލެއް، ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭ މުރާޖަޢާކޮށް ނިންމުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.