ޚަބަރު

ދީނީ ޢިލްމްވެރިންގެ މަހާސިންތާއެއް ރާއްޖޭގައި ފައްޓަވައިފި


ވިސްނުމާއި، ޢިލްމީ އަލީގައި ދިރާސާކުރައްވައި، މަޝްވަރާކުރެއްވުމަށް ދީނީ ޢިލްމްވެރިންގެ މަހާސިންތާއެއް ރާއްޖޭގައި ފައްޓަވައިފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން އިސްނަންގަވައިގެން އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް "އައި އައި އައި ޓީ"އާ ގުޅިވަޑައިގެން ބަނޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށްގެންދަވާ މި މަހާސިންތާގައި ދެކުނު އޭޝިއާ ބައްރުގެ 10 ޤައުމަކުން ފަންސާހަށް ވުރެ ގިނަ ދީނީ އިލްމުވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

ދީނީ އިލްމްވެރިންގެ މި މަހާސިންތާގައި ދިވެހިރާއްޖޭގެ އިތުރުން، އަފްގާނިސްތާން، ޕާކިސްތާން، ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ސްރީލަންކާ ސައުދިއަރަބިއްޔާ، ލެބަނަން، އަދި ބޮސްނިއާއިން އެކި ފަންތީގެ ދީނީ އިލްމުވެރިން ބައިވެރިވެ ވަޑައިގެން ޚިޔާލުބަދަލުކުރައްވައި، އިލްމީ އަލީގައި ބައެއްކަހަލަ ހޯދުންތައް ހޯއްދަވާ މަޝްވަރާކުރައްވާނެއެވެ. މި މަހާސިންތާ އިފްތިތާޙުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވީ، މި މަހާސިންތާގެ ސަބަބުން ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ކުރިއަށް އޮތްތާނގައި މިއަށްވުރެ ހަރުދަނާވެ ބަދަހީވެގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ.

img:http://s2.psmnews.mv/images/660x400/14716792760217.jpg|ބަނޑޮހުގައި ކުރިއަށްދާ ދީނީ ޢިލްމވެރިންގެ މަހާސިންތާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ތަޢުލީމީ ދާއިރާއިން ރާއްޖެ ހޯދަމުން އަންނަ ކުރިއެރުމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ތަޢުލީމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ދެމެހެއްޓެނެވި ތަރައްޤީއަށް ވާސިލް ވުމަށްޓަކައި ތައުލީމީ ދާއިރާއިން ދިވެހިރާއްޖެ ބައިނަލްއަޤްވާމީ ދުނިޔޭގައި ފައިތިލަހަމަކޮށް ވާދަކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީގެ އަޒުމަކީ، އެ ޔުނިވަރސިޓީއަކީ ޒަމާނީ އުސޫލުތަކުގެ ތެރެއިން ތަރައްޤީވެފައިވާ އަދި ދުނިޔެއަށް ލޯ ހުޅުވިފައިވާ ދަރިވަރުންތަކެއް ތަޢުލީމު ހާސިލްކުރަމުންދާ މުއައްސަސާއެއްގެ ގޮތުގައި ހެއްދެވުން ކަމަށެވެ. އަދި މިކަމުގައި ކުރިޔަށްދާނީ އިސްލާމް ދީނުގެ މަތިވެރި ސަމާޙަތާއި އިސްލާމް ދީނުގެ ރިވެތި އަޚްލާގުގެ ތެރެއިންކަމަށް ވިދާޅުވިއެވެ.

"ޔުނިވަރސިޓީއެއް ކުރިއަރައި ދާނީ ދިރާސާކުރުމާއި، އިލްމީ ހޯދުންތަކަށް މަސައްކަތް ކުރުމާއި ފިކުރު ކުރުމާއި ބަހުސްކުރުމާއި ފޮތްތައް ޝާއިއުކުރުމާއި މިފަދަ އެތައް މަސައްކަތްތަކެއް ހިމެނިގެން. އަޅުގަނޑުމެން މަސައްކަތް ކުރަނީ މި މަގުން ކުރިޔަށްދިޔުމަށް. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ސްޓްރެޖިޓިކް ޕްލޭންގައި ވާގޮތުގެ މަތިން އަޅުގަނޑުމެންނަށް ކުރިޔަށް ދެވިއްޖެ ނަމަ މި ފަސް އަހަރު ނިމިގެން ދާއިރުގައި މި ސަރަހައްދުގެ ފާހަގަކޮށްލެވޭ އިސްލާމިކް ޖާމްޢިއްޔާއަކަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ވެގެންދާނެ." އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ތިންދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގައި މުހިންމު ކަންތައްތަކަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އިސްލާމިކް ޔުނިވަރސިޓީން ވިދާޅުވެއެވެ.