ނޭޝަނަލް އެސެސަރސް ކާޑު ލިބިފައިވާ ފަރާތްތަކަކީ، އިތުބާރު ހިފޭ އަދި ނަޒާހާތްތެރިކަމަށް އިސްކަންދޭ ބަޔަކަށްވުމަށް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙްމަދު އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު މިކަމަށް އިލްތިމާސްކުރެއްވީ، ނޭޝަނަލް އެސެސަރސް ކާޑު ލިބިފައިވާ ފަރާތްތަކަށް ކާޑު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މަތީ ތަޢުލީމާ ބެހޭ ޤާނޫނުގައިވާ ގޮތުން ނޭޝަނަލް އެސެސަރުންނަކީ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްގައި ބަޔާންކުރާ މިންގަނޑަށް ދަރިވަރުން ތަޢުލީމާއި ހުނަރު ޙާސިލުވެފައިވާ ބައެއްކަން ވަޒަންކުރާ ފަރާތްތަކެވެ.
ރާއްޖޭގައި އެކި ދާއިރާތަކަށް ޚާއްސަ މިފަދަ ހުއްދަ ދީފައިވާ 234 އެސެސަރުން އެބަތިއްބެވެ. މިއެސަސަރުންނަކީ ދައުލަތް ބަލައިގަންނަ ބައެއްކަން އަންގައިދޭ ކާޑެއް ތަޢާރަފްކޮށް އެމްއެންއެސްޑީއޭއިން ވަނީ އެސަސަރުންނަށް ކާޑު ޙަވާލުކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، މަތީ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި، ދަރިވަރުން އެސެސްކުރުމަށް ތިބޭ ފަރާތްތަކުގެ ފެންވަރު މަތިކުރުމަކީ މުހިއްމުކަމެއްކަމަށެވެ. އެގޮތުން އެސެސަރުންނަކީ ތެދުވެރި އަދި ނަޒާޙަތްތެރިބައެއްކަމުގައިވުމަށް ވަޒީރުވަނީ ކާޑު ލިބުނު އެސެސަރުންނަށް އިލްތިމާސްކުރައްވާފައެވެ.
"މިއަހަރު އަލަށް 20 އެސެސަރުންވަނީ ތަމްރީންކުރެވިފައި. އިތުރު ޓްރެއިނިންގތައް ކުރިއަށް ގެންދިޔުމަށްވަނީ ރާވާފައި. މިކާޑު ލިބިފައިވާ ފަރާތްތަކަކީ އިތުބާރުހިފޭ، ޕްރޮފެޝަނިލިޒަމް ހިފަހައްޓާ ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަން އިސްކޮށް އެސެސްމަންޓުތައް ކުރިއަށްގެންދާ އެސެސަރަކަށްވާންވާނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެސެސަރުންނަކީ އިންޑަސްޓްރީތަކަށް އަންނަ ބަދަލުތަކަށް ފަރިތަ އަދި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ލިބިފައިވާ ފަރާތްތަކަށްވުމަށް ރިފްރެޝަރ ކޯސްތަކުގައި ބައިވެރިވުމަކީވެސް މުހިއްމުކަމެއްކަމަށެވެ.
އެކި ދާއިރާތަކަށް ނިސްބަތްވާ އެސެސަރުންގެ ބޭނުމަކީ ޓިވެޓް ކޯސްތަކުގައި ހަދަންޖެހޭ އެސެސްމަންޓުތައް ހެދުމެވެ.
މިގޮތުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހުއްދަދީފައިވާ ރަޖިސްޓްރީގައި 234 އެސެސަރުން މިވަގުތު ރާއްޖޭގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަލަށް މިއަހަރު 20 އެސެސަރަކަށް ހުއްދަ ދޫކޮށްފައިވާއިރު އެފަރާތްތަކަކީ ދައުލަތް ބަލައިގަންނަ ފަރާތެއްކަން އަންގައިދޭ ރަސްމީ ކާޑެއް މިހާރުވަނީ ތައާރަފްކޮށްފައެވެ. އެކާޑުން އެސަސަރާއި ބެހޭ މަޢުލޫމާތު އެސެސްކުރާ ފަރާތަށް އެނގޭނެކަމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ.