ކުޅިވަރު

މިއީ އިހު އޮތް ފޯރި އަލުން ގެންނަން ރަނގަޅު ފެށުމެއް – އަސްއަދު


މިމަހުގެ 29 ވަނަ ދުވަހުގެރޭ ދެ ޤައުމީ ޓީމްގެ މެދުގައި ކުޅޭ މެޗަކީ ދިވެހި ފުޓްބޯޅައިގައި އިހު އޮތް ފޯރި އަލުން ގެންނަން ރަނގަޅު ފެށުމަކަށް ވެދާނެކަމަށް ގޯލްޑް ކެޕްޓަން އަސްއަދު އަބުދުލްޣަނީ ބުނެފިއެވެ. 2008 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީ ފުޓްބޯޅައިން ފުރަތަމަ ރަން މެޑަލް ހޯދައިދިން ޤައުމީ ޓީމާއި މިހާރުގެ ޤައުމީ ޓީމް ވާދަކުރާ މެޗަކީ އެކާމިޔާބީ ފާހަގަކުރުމަށާއި، ފުޓްބޯޅައިގައި ގެއްލިފައިވާ ފޯރި އަލުން ގެނައުމަށް ކުރާ މަސައްކަތެއްގެ ފެށުމެވެ.

ތަށި ހޯދި ޓީމްގެ ފޯވާޑް އަހުމަދު ތާރިޤް ( ޓޮމް ) އެފްއޭއެމްގެ ޗެއަރމަންކަމަށް އިންތިޚާބުވެ، ފުޓްބޯޅަ ފޯރި ގެންނަން ކުރާ މަސައްކަތުގެ ދަށުން ކުޅޭ މިމެޗަށް ދިވެހި ރައްޔިތުންގެ ތަރުހީބާއި، ތާއީދު ލިބޭނެކަމަށް ކެޕްޓަން އަސްއަދު އަބުދުލްޣަނީ ބުންޏެވެ.

" އޭރު ފުޓްބޯޅައިން އެގެނައި އެކުވެރިކަމާއި، އެއްބައިވަންތަކަން ގެނައުން އުއްމީދަކީ، ބޭނުމަކީވެސް. އެފޯރިއާ އެއެކުވެރިކަން ފެންނަންވީ. " އަސްއަދު ބުންޏެވެ.

އެމެޗާއި، އެކާމިޔާބީގެ ވާހަކަތައް އަލުން ދައްކަން ފެށުމުންވެސް އެތަށި ހޯދައިދިން ކުޅުންތެރިންނަށް ވަނީ ޚާއްޞަ އުފަލެއް ލިބި، އެދުވަސް ހަނދާނަށް އަންނަން ފަށާފައެވެ.

" އެއީ ދެން ދުވަހަކުވެސް ހަނދާން ނުނެތޭނެ ޚާއްޞަ ކާމިޔާބީއެއް. އަލުން އެވާހަކަތައް ދައްކައި، އެފޯރި ގެންނަން އުޅުމަކީވެސް އެކަން ބަލައިގަންނަކަމުގެ ހެއްކެއް. ވަރަށް ޚާއްޞަ އުފަލެއް އަލުން އެޓީމާއެކު ދަނޑަށް ނިކުތުމަކީ. " އަސްއަދު ބުންޏެވެ.

އެފްއޭއެމްގެ އެކްސްކޯގައިވެސް މިހާރު ހިމެނޭ އަސްއަދު ބުނީ މިއީ ފެށުމަކަށްވާން ޖެހޭކަމަށާއި، މިހިސާބުން ހުއްޓާލައިގެން ނުވާނެކަމަށެވެ. އެފޯރި ގެންނަން ވަރަށް ބައިވަރު މަސައްކަތްތައް ކުރަން ޖެހޭކަމަށާއި، އެމަސައްކަތްތައް ކޮންމެވެސް ބަޔަކު ކުރަންޖެހޭކަމަށް އޭނާ ބުންޏެވެ.

މިމެޗު އެފްއޭއެމްއިން ރާވާއިރު އެފްއޭއެމް ހިންގުމުގައި އެކާމިޔާބީ ހޯދި ޓީމްގެ ފުރަތަމަ އެގާރައިގައި ހިމެނުނު ތިން ކުޅުންތެރިން އެބަތިއްބެވެ. އެއީ ޗެއަރމަން ޓޮމްގެ އިތުރުން ފޯވާޑް އަލީ އުމަރާއި، ކެޕްޓަން އަސްއަދެވެ. އޭރު ޤައުމީ ޓީމްގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން މިހާރުވެސް ޤައުމީ ޓީމްގައި ހިމެނޭ މުޙިންމު ދެ ކުޅުންތެރިން އެބަތިއްބެވެ. އެއީ ކީޕަރު އިމްރާން މުޙައްމަދާއި، ކެޕްޓަން އަލީ އަޝްފާޤެވެ. އެދެ ކުޅުންތެރިން އެމެޗުގައި ކުޅޭނީ ތަށި ހޯދި ޓީމަށެވެ.

އެޓީމްގައި ހިމެނި ފުރަތަމަ އެގާރައިގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން މިހާރު ފުރަތަމަ ޑިވިޝަންގައި ކުޅެމުން އަންނަ މުޙިންމު ކުޅުންތެރިންނަކީ މުޙައްމަދު ޝިފާން ( ކުޑައްޓޭ )އާއި ޝަމްވީލް ޤާސިމް ( ބޮންޑާ ) އެވެ.

ތަށި ހޯދި ޓީމްގެ މުޙިންމު ކުޅުންތެރިންކަމަށްވާ އިސްމާއީލް މުޙައްމަދާއި، މުހުތާރު ނަސީރާއި، ޞަބާހު މުޙައްމަދާއި، އަހުމަދު ސައީދުއާއި، މުޙަންމަދު ޖަމީލްއާއި އިބްރާހީމް ފަޒީލް ވަނީ ކުޅުން ހުއްޓާލާފައެވެ. ނަމަވެސް މިކުޅުންތެރިން އެދުވަހު އަލުން ޤައުމީ ޖަރޒީގައި ފެންނާނެއެވެ.

ގެއްލިފައިވާ ދިވެހި ފުޓްބޯޅައިގެ ފޯރި އަލުން ގެނއުމުގެ އިތުރުން އެކުޅުންތެރިން ހޯދައިދިން ފަޚްރުވެރި ކާމިޔާބީގެ އަގު މިއަދުވެސް ވަޒަންކުރާކަން ސާބިތުކޮށްދިނުމަށް މިއީ ލިބޭ ރަނގަޅު ފުރުޞަތެކެވެ. މިއީ ފެށުމެއް ކަމަށް ބަލައި، ރަސްމީ ދަނޑުގެ ފަޅުކަން ފިލުވާލަން މިއީ އެންމެ ރަނގަޅު ވަގުތެވެ.