ޚަބަރު

ސަތާރަ ކުދިން މަރުވުމުން ވިހަ ކޯފް ސިރަޕް އުފެއްދި ކުންފުނީގެ ވެރިޔާ ހައްޔަރުކޮށްފި


އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ވިހަ ކޯފް ސިރަޕެއް ބޮއެގެން 17 ކުޑަކުދިން މަރުވި މައްސަލާގައި، އެ ސިރަޕް އުފެއްދި ސްރީސަން ފާމަސޫޓިކަލް މެނުފެކްޗަރަރ ކުންފުނީގެ ވެރިޔާ ހައްޔަރުކޮށްފައިވާ ކަމަށް އެ ސްޓޭޓުގެ ފުލުހުން ބުނެފިއެވެ.

ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެ ކޯފް ސިރަޕް ބޮއެގެން އުމުރުން ފަސް އަހަރުން ދަށުގެ 17 ކުދިން މަރުވެފައިވާއިރު، އެ ކޯފް ސިރަޕްގައި ވިހަ މާއްދާއެއް ކަމަށްވާ ޑައިއެތެލީން ގްލައިކޯލް ހުންނަންޖެހޭ މިންވަރަށް ވުރެ ގާތްގަނޑަކަށް 500 ގުނަ އިތުރަށް ހުރި ކަމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ސްރީސަން ކުންފުނީގެ ވެރިޔާ އެސް ރަންގަނާތަން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ޗެންނާއީން ކަމަށާއި، މިއަދުގެ ވަގުތެއްގައި އޭނާ ކޯޓަށް ހާޒިރުކުރާނެކަމަށް ފުލުހުން ބުންޏެވެ.

އޭނާ މަދްޔަ ޕްރަދޭޝަށް ގެންދާނީ އޭގެފަހުންނެވެ.

އިންޑިއާގައި ބޭސް އުފައްދާ ކުންފުނިތަކުގެ އުފެއްދުންތަކުައި ބޭނުންކުރާ ހުރިހާ މާއްދާއެއް ވެސް ވަކިވަކިން ޓެސްޓުކުރަން ޤާނޫނުން ލާޒިމުކުރެއެވެ.

އަދި ބޭރަށް އެކްސްޕޯޓުކުރާ ބޭހުގެ ހުރިހާ ބާވަތްތަކެއް ސަރުކާރުގެ ތަހުލީލު މަރުކަޒެއް މެދުވެރިކޮށް ވެސް ތަހުލީލުތައް ކުރަންޖެހެއެވެ. މި ފިޔަވަޅު އަޅާފައިވަނީ، 2023 ވަނަ އަހަރު އިންޑިއާއިން އުފައްދާފައިވާ ކޯފް ސިރަޕެއް ބޮއެގެން އުޒްބެކިސްތާނު، ކެމަރޫން އަދި ގެމްބިއާގައި 10 ކުދިން މަރުވި ހާދިސާއާ ގުޅިގެންނެވެ.

ނަމަވެސް މަދްޔަ ޕްރަދޭޝްގައި ހިނގި މި ހާދިސާއާ ގުޅިގެން، ބޭހުގެ ބާވަތްތައް ތަހުލީލުކުރުމުގެ ނިޒާމުގައި އަދިވެސް ބާގަނޑުތައް ހުރިކަން ހާމަވެފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުންޏެވެ.

ހަމަ މި ވިހަ މާއްދާ އެކުލެވޭތީ، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މި ހަފްތާގައި ވަނީ ގުޖުރާތުގެ ސްޓޭޓްގެ ޝޭޕް ފާމާ އާއި ރެޑްނެކްސް ފާމަސިއުޓިކަލްސް އިން އުފައްދާ އިތުރު ދެ ކޯފް ސިރަޕެއް ކަމަށްވާ ރެސްޕިފްރެޝް އާއި ރިލައިފް ބޭނުންނުކުރަން އެދިފައެވެ.

ޗައިނާ އާއި އެމެރިކާގެ ފަހަތުން، އިންޑިއާއަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ބޭހުގެ ބާވަތްތައް އުފައްދާ ޤައުމެވެ.