ޚަބަރު

ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ 2 މީހުންނާއި 20 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް

  • އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 28.61 ގްރާމް

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މިއޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 7 ވަނަ ދުވަހުއެވެ.

މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ނ.ވެލިދޫ ރެޑިޔަމްވިލާ އުމުރުން 20 އަހަރުގެ އަޙްމަދު މައިޝާން ނަސީމާއި ނ.ވެލިދޫ ޑޭޒީމާގެ، އުމުރުން 26 އަހަރުގެ ޙަސަން ނާއިމާއި ނ.ވެލިދޫ ޖަވާހިރުމާގެ، އުމުރުން 18 އަހަރުގެ މުޙައްމަދު ޚަލަފް އިބްރާހީމާއި ނ.ކުޑަފަރި ލިލީގެ، އުމުރުން 18 އަަހަރުގެ އިބްރާހީމް ރިޔާޝްއެވެ. މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.


މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާއިރު، އެއެޕާޓްމަންޓުން މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 28.61 ގްރާމެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުންވެސް 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.