ޚަބަރު

ޕީސް ޖަރނަލިސްޓް: ނަފްރަތު އުފައްދަން ފަތުރާ ވާހަކަތައް ހުއްޓުވުމަށްޓަކައި ކުރިއަށްގެންދިޔަ މުހިންމު ޕްރޮގްރާމެއް


  • މި ޕްރޮގްރާމުގައި 28 ފަރާތަކުން ބައިވެރިވި

  • މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 6 ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް

ނަފްރަތު އުފައްދަން ފަތުރާ ވާހަކަތަކާއި ހައްދުފަހަނައަޅާފައިވާ ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި ކުރިއަށްގެންދިޔަ "ޕީސް ޖާނަލިސްޓް" ތަމްރީނު ޕްރޮގްރާމު ނިންމާލައިފިއެވެ.

މީޑިއާ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ ދިފާއީ ވުޒާރާއާއި އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން، އައިއެމްސީޓީސީންނެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މީޑިއާގެ ދައުރު ހަރުދަނާކޮށް، މެދުމިނުގައި ހިފެހެއްޓުމާއި، ކެތްތެރިކަމުގެ ރޫޙު އާލާކުރުމަށް ބާރުއެޅުންކަމަށް އައިއެމްސީޓީސީން ވިދާޅުވެއެވެ.

"ޕީސް ޖާނަލިސްޓް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝައްމާނެވެ.

ދިފާއީ ވުޒާރާއިން ވިދާޅުވީ، "ޕީސް ޖާނަލިސްޓް" ޕްރޮގްރާމަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ހައްދުފަހަނައަޅާފައިވާ ވާހަކަތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި މީޑިއާގެ ދައުރާ ގުޅޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. އަދި މިޕްރޮގްރާމުން ސުލްޙައާއި އެކުވެރިކަމަށް ވަކާލާތުކުރާ ބާރުގަދަ މީޑިއާތަކެއް އުފެއްދިގެންދާނެކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވެއެވެ.

މިމަހުގެ 6 ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މިޕްރޮގްރާމުގެ ބައިވެރިންނަށް ޒަމާނީ މީޑިއާގެ ވަސީލަތްތަކާއި، ސުލްޙައަށް ބާރުއަޅާ މީޑިއާގެ މެސެޖުތައް އުފެއްދުމަށް ބޭނުންވާ އަސާސީ ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ނޫސްވެރިންނަށާއި، އެކި އިދާރާތަކުގެ މީޑިއާ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަަކަށް ހާއްސަކޮށްގެންނެވެ. މި ޕްރޮގްރާމުގައި 28 ފަރާތަކުން ބައިވެރިވެފައިވާއިރު އެ ފަރާތްތަކަށް ވަނީ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މިޕްރޮގްރާމުގައި ބައިވެރިން ޕީއެސްއެމް ނިއުސްއާ ވާހަކަަ ދައްކަމުން ބުނީ މި ޕްރޮގްރާމުން ވަރަށް ބައިވަރު ކަންކަން ދަސްވެގެން ދިޔަކަމަށެވެ. އެގޮތުން މީސްމީޑިއާގައި ފެތުރޭ އެކިކަހަލަ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި ގުޅޭ ހުނަރުތައް ދަސްވެގެން ދިޔަކަމަށްވެސް ފާހަގަކުރިއެވެ.