މިދިޔަ 2 އަހަރުދުވަހު ފަލަސްޠީނުގެ ޣައްޒާގައި ކުރިއަށް ގެންދިޔަ އަނިޔާވެރި ހަނގުރާމަ ހުއްޓާލުމަށް ޔަހޫދީ ދައުލަތުން ޙަމާސް ޖަމާއަތާއެކު އެއްބަސްވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވާފައިވާ ހުށަހެޅުއްވުމަށް ޔަހޫދީންނާއި ހަމާސް ޖަމާއަތުން އެއްބަސްވިކަން ދެފަރާތުންވެސް ވަނީ ހާމަކޮށްފައެވެ. މިއީ މި ސުލްޙައިގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާއެވެ. މިކަން ރަސްމީކޮށް ޢިއުލާންކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
20 މާއްދާގެ މައްޗަށް އެކުލެވިގެންވާ މި އެއްބަސްވުމުގެ ދަށުން ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަކޮށް، މަރުވެފައިވާ ޔަހޫދީ އަސީރުންގެ ހަށިތައް ޔަހޫދީންނާ ޙަވާލު ކުރުމަށް އެއްބަސްވެފައެވެ. އަދި، ޔަހޫދީން ވަނީ ޖަލުތަކުގައި އަނިޔާ ކުރަމުން ގެންދާ ފަލަސްޠީނުގެ 1،000އަށްވުރެ ގިނަ ރައްޔިތުން މިނިވަން ކުރާނެ ކަމުގައި ބުނެފައެވެ. އަދި މި އެއްބަސްވުމުގެދަށުން ޔަހޫދީ ފައުޖުތަކުން ޣައްޒާއިން ފައިބަންޖެހޭނެއެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 67,000އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ ވަރުވެފައިވާ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށްވުރެ މައްޗަށް އުފުލިފައެވެ.