މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި ފާއިތުވީ 8 މަސްދުވަސްތެރޭ 95 ރަށުގައި ވަނީ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އދ. މަންދޫގައި ސެލްފް-ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މިހާރުވަނީ ގާއިމުކޮށްފައެވެ، މިއީ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރި 17 ވަނަ އަތޮޅެވެ. ބީއެމްއެލްއިން ވަނީ މަންދޫގެ އިތުރުން ދިއްދޫ، ފެންފުށި އަދި ކުނބުރުދޫގައިވެސް މި ހަފްތާތެރޭގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައެވެ.
އޭޓީއެމް ޤާއިމްކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، މިއީ ކުރީ ސަރުކާރުތަކުން އިސްކަމެއް ދިން ޚިދުމަތެއް ނޫންކަން ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ. އެގޮތުން 2000ވަނަ އަހަރުން ފެށިގެން މި ވޭތުވެދިޔަ 24 އަހަރުތެރޭގައި މާލެ ފިޔަވައި އޭޓީއެމް ޚިދުމަތް ގާއިމްކުރެވިފައިވަނީ 81 ރަށުގައެވެ. މިއަދު މާންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވާއިރު، މިއީ މިއަހަރުތެރޭ މި ޚިދުމަތް ފެށި 95 ވަނަ ރަށެވެ. އަދި މިއީ ބީއެމްއެލްގެ 250 ވަނަ އޭޓީއެމްއެވެ.
މިހާރު އޭޓީއެމް ޚިދުމަތް ނުލިބެނީ މީހުން ދިރިއުޅޭ އެންމެ 10 ރަށަށެވެ. އެއީ ލ. އަތޮޅުގެ 7 ރަށާއި، ޅ. އަތޮޅުގެ 1 ރަށާއި، އައްޑޫ ސިޓީގެ 2 ރަށެވެ. ބީއެމްއެލްގެ އަމާޒަކީ މިމަހުގެތެރޭ މި ރަށްރަށުގައިވެސް ޚިދުމަތް ޤާއިމްކޮށް މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބީއެމްއެލްގެ އޭޓީއެމް ވިއުގައިން މާލޭގައި ދުވާލަކު 14،000 ޓްރާންސެކްޝަން ހަދައި 78 މިލިޔަން ރުފިޔާ ދައުރުކުރެއެވެ. އަދި އަތޮޅުތަކުގައި ދުވާލަކު 9،000 ޓްރާންސެކްޝަން ހަދާއިރު ދައުރުކުރާ ފައިސާގެ އަދަދަކީ 25 މިލިޔަން ރުފިޔާއެވެ.
ރަށްރަށުގައި ބީއެމްއެލްއިން ބަހައްޓާ އޭޓީއެމްތަކަކީ ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތުގެ އިތުރުން އަސާސީ ބޭންކިން ޚިދުމަތްތައް ލިބޭ އޭޓީއެމްތަކަށްވުމުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ބޭންކިން ޚިދުމަތް ހޯދުމަށް މިމަޝްރޫޢުގެ ސަބަބުން މަގުފަހިވެގެން ދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރުން ފަތުރުވެރިކަން ފުޅާވެފައިވާ ބައެއް ރަށްރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ޤައުމީ ބޭންކުން ދަނީ ކުރަމުންނެވެ.