ބައިލައްކައަށްވުރެ ގިނަ ފައިސާ ހުރި ފޮއްޓެއް ގެއްލިގެން ފުލުހުންނަށް މައްސަލަ ރިޕޯޓްކުރިތާ ގިނައިރުތަކެއް ނުވެ ގެއްލުނު ފައިސާތައް ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
އިއްޔެގެ މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި ގެއްލިފައިވަނީ ރިސޯޓެއްގެ ސްޓާފް ޝޮޕްގެ ސެޕްޓެމްބަރު މަހުގެ ސޭލްސް ފައިސާކަމަށްވާ 53،000 ރުފިޔާ ހުރި ފޮއްޓެކެވެ. މި ފޮށި ގެއްލިފައިވަނީ އެ ރިސޯޓުން މާލެ އައި ލޯންޗު ނަސަންދުރަ ކައިރިއަށް ފައިސާތަކާއެކު ފޮށި ބާލާފައިވަނިކޮށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ހޭންވޭރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ފޮށި ހޯދުމަށް ސީސީޓީވީ ކެމެރާ ފުޓޭޖްތައް ބަލައި، ކުރި މަސައްކަތުން މައްސަލަ ހުށަހެޅުނުތާ 30 މިނިޓެއް ހާއިރުތެރޭގައި ވަނީ އެ ފޮށި ހޯދާފައިވާ ކަމަށެވެ. މި ފޮށި ފެނިފައިވަނީ އެހެން ލޯންޗަކަށް އަރުވާފައިވަނިކޮށެވެ.
މި ފައިސާތައް މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.