މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައި އިން ކުރިއަށްގެންދިޔަ "ބީމް ޑިޖިޓަލް، ސޯޝަލް މީޑިއާ ސްރެޓެޖީ އެންޑް ސްޓޯރީޓެލިން" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 5ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށެވެ.
"ބީމް ޑިޖިޓަލް، ސޯޝަލް މީޑިއާ ސްރެޓެޖީ އެންޑް ސްޓޯރީޓެލިން" ޕްރޮގްރާމަކީ، މޯލްޑިވްސް މީޑިއާ އިންސްޓިއުޓް އިން ޑިޖިޓަލް މީޑިއާގެ ދާއިރާއިން މުވައްޒަފުންގެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށްޓަކައި، މޯލްޑިވްސް މީޑިއާ އިންސްޓިއުޓް އެމްއެމްއައި އިން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގައެވެ.
3 ދުވަހުގެ މި ޕްރޮގްރާމްގައި 100އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ. އޭގެތެރޭގައި، ސަރުކާރުގެ އެކި ވުޒާރާތަކާއި، ކުންފުނިތަކާއި، ކޯޓުތަކުގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މުވައްޒަފުން ހިމެނެއެވެ.
މި ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ، އިބްރާހީމް ނަސްރީން ވިދާޅުވީ، ޑިޖިޓަލް މީޑިއާގެ ދާއިރާއިން މުވައްޒަފުންގެ ހުނަރު އިތުރަށް ކުރިއެރުވުމަށް ކުރިއަށްގެންދެވުނު މި ޕްރޮގްރާމްގެ ތެރެއިން މުވައްޒަފުންނަށް ގިނަ މަޢުލޫމާތުތަކެއް ލިބުނުކަން ޔަޤީންކުރައްވާކަމަށެވެ.
" މީގެ 6ވަރަކަށް މަސްކުރީން އަޅުގަނޑުމެން މަސައްކަތްފެށީ މި އިނީޝިއޭޓިވް ކުރިއަށްގެންދަން. ޑިޖިޓަލް މީޑިއާގެ ދާއިރާއިން ތަފާތު ގިނަ އެއްޗެހި ދަސްކޮށް، މި ޕްރޮގްރާމްގެ ތެރެއިން ދަސްކުރި އެއްޗެހި ވަޒީފާގެ މާހައުލުގައި ނުވަތަ ކޮންޓެންޓް ކްރިއޭޓްކުރާ ފަރާތްތަކަށް ބޭނުންކުރެވޭނެ. އަޅުގަނޑަށް ޔަޤީން މި ޓްރެއިނިންގެ ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ކުރިން ނޭނގޭ ގިނަ އެއްޗެހިތަކެއް ދަސްވާނެކަން". މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަދައްކަަވަމުން ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވި ޓީއާރްޓީގެ ޑިޖިޓަލް ޓީމް ލީޑަރ މަކްބޫލް އޯގަސް ބުނީ، މި ޕްރޮގްރާމްގެ ދަށުން ޑިޖިޓަލް މީޑިއާގެ ވަރަށް ގިނަ ބައިތަކެއް ކިޔައިދީ، ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ.
"ޕީއެސްއެމްގެ މުވައްޒަފުންނަށާއި، މިނިސްޓްރީތަކާއި، އަދި އެކި ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނަށް މިފަދަ ޕްރޮގްރާމެއްގެ ތެރެއިން ޑިޖިޓަލް ސްރެޓެޖީސްތަކާ ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެވުމަކީ އަޅުގަނޑަށްވެސް ލިބޭ އުފަލެއް. މި ޕްރޮގްރާމްގެ ތެރެއިން އަޅުގަނޑުމެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔައިން. އަޅުގަނޑު އުއްމީދުކުރަން މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދިޔަކަމަށް". މަކްބޫލް އޯގަސް ބުންޏެވެ.
މި ޕްރޮގްރާމްގެ ބައިވެރިން ވަނީ ޕްރޮގްރާމްގެ ތެރެއިން ގިނަ ކަންތައްތަކެއް ދަސްވިކަން ފާހަގަކޮށްފައެވެ.
ބީމްއަކީ މީޑިއާއާއި ބްރޯޑްކާސްޓިން ދާއިރާއަށް އަންނަމުންދާ ބަދަލުތަކަށް މުވައްޒަފުންގެ ޤާބިލުކަމާއި، ހުނަރު އިތުރުކުރުމަށްޓަކައި މުވައްޒަފުންނަށް އަމާޒުކުރެވޭ ގިނަ ތަމްރީންތަކެއްގެ ފުރުސަތު ދިނުމަށްޓަކައި އެމްއެމްއައި އިން ފަށާފައިވާ ޕްރޮގްރާމެކެވެ.
އެމްއެމްއައިއިން މިހާރުވެސް އަންނަނީ އެކިއެކި ދާއިރާއިން އިތުރު ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ހިންގަމުންނެވެ.