ޚަބަރު

އދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސް ޚިދުމަތް ފަށައިފި


  • ރައީސުލްޖުމްހޫރިއްޔާ ވަނީ ޑަޔަލިސިސް ޔުނިޓް ބައްލަވާލައްވާފައި

  • ސަރުކާރުގެ އަމާޒަކީ ހުރިހާ އަތޮޅެއްގައިވެސް މި ޚިދުމަތް ޤާއިމްކުރުން

އދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސް ޚިދުމަތް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ.

މަހިބަދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ޑަޔަލިސިސް ޔުނިޓް ހުޅުއްވާދެއްވާ އެ ޔުނިޓް ބައްލަވާލައްވާފައެވެ. އަދި އެތަނުގެ މުވައްޒަފުންނާވެސް ބައްދަލުކުރެއްވިއެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގެ ތެރޭގައި އެންމެ ގިނައިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދައުލަތުން ޚަރަދުކުރާ އެއް ބައްޔަކީ ކިޑްނީގެ ބަލިތަކެވެ. ކިޑްނީ ބަލީގެ ފަރުވާ ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ. ކިޑްނީ ބަލީގެ ސަބަބުން ހަފްތާއަކު ދެތިން ދުވަހު ޑަޔަލިސިސްގެ ޚިދުމަތް ހޯދަންޖެހޭ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ.

މިޚިދުމަތް މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައި ފުޅާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން 9 އަތޮޅެއްގައި 19 ޔުނިޓް މިހާރު މިވަނީ ޤާއިމްކޮށްފައެވެ. އަދި ކުރިން ހުރި 2 ސެންޓަރެއްގައި ޚިދުމަތް ފުޅާކޮށް، އިތުރު 4 ޔުނިޓުވަނީ ޤާއިމުކޮށްފައެވެ. މިހާރު މި ޚިދުމަތް ނުފެށި އޮތީ ވ.އަތޮޅުގެ އިތުރުން ފ.އަތޮޅާއި ދ އަތޮޅުގައެވެ.