ޚަބަރު

ގއ. އަތޮޅުގައި "ރައްކާ ރޯޑް ޝޯވ" ފަށަނީ


  • ޕްރޮގްރާމް ކުރިއަށްދާނީ އޮކްޓޫބަރު 10 އިން 19 އަށް

  • ޕްރޮގްރާމްތައް 9 ރަށެއްގައި ކުރިއަށް ގެންދާނެ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ " ރައްކާ ރޯޑް ޝޯވ" ގއ. އަތޮޅުގައި ފެށުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމް އެއަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 10 އިން 19 އަށެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ރައްކާ ރޯޑް ޝޯވ އެކި ޕްރޮގްރާމްތައް 9 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެވެ. އެރަށްތަކަކީ ގއ. ވިލިނގިލި، ކަނޑުހުޅުދޫ، ގެމަނަފުށި، ކޮނޑޭ، ދާންދޫ، މާމެންދޫ، ނިލަންދޫ، ކޮލަމާފުށި އަދި ދެއްވަދޫގައި ކަމަށެވެ. ރައްކާ ރޯޑް ޝޯވގެ ތެރެއިން ފުރަތަމަ ހަރަކާތްތައް އޮކްޓޫބަރު 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ ގއ. ވިލިނގިލީގައެވެ. އެގޮތުން އެދުވަހު އެރަށުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. މި ހަރަކާތުގެ އިތުރުން ރައްކާ ރޯޑް ޝޯވގައި ތެރެއިން ޓްރެފިކް މޮނީޓަރުންގެ ޕްރޮގްރާމް، ޑްރައިވަރުންނަށް އަމާޒުކޮށްގެން ހިިންގުމަށް ހަމަޖެހިފައިވާ ސެޝަން، ފަހިރާސްތާ ޕްރޮގްރާމް، ދަރިވަރުންނާއި ބެލެނިވެރިން އަދި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް އަދި ވޯކް އެންޑް ޓޯކް ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެއިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖް ހިމެނޭ ބިލްބޯޑު އިފްތިތާހުކުރުމާއި ރޯޑް ސޭފްޓީ ހިނގާލުމަކާއި މަސްރޭހަކާއި ރޯޑް ސޭފްޓީ ކުއިޒް މުބާރާތްތަކާއި ވޮލީބޯޅަ މުބާރާތްތަކާއި ބީޗް ފެސްޓިވަލެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

"މި މަގުތައް އަމާންކުރާނަން" މި ޝިއާރުގެ ދަށުން ގއ. އަތޮޅުގައި ކުރިއަށް ގެންދާ ރައްކާ ރޯޑްޝޯވ އޮކްޓޫބަރު 19 ވަނަ ނިންމާލުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމް ނިންމާލުމަށް ހަމަޖެހިފައިވަނީ އެޕްރިސިއޭޝަން ޑިނަރއަކުންނެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޑިޕާޓްމަންޓުން އިސްނަގައިގެން ހިންގާ މި ޕްރޮގްރާމަކީ ސަރުކާރުގެ އެކި އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، އަދި ވިޔަފާރިތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. އެގޮތުން އުރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމްޓީސީސީ ހިމެނެއެވެ. އަދި ގއ. އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ގއ. އަތޮޅު ކައުންސިލާ ގުޅިގެންނެވެ.