ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އދ. އޮމަދޫއަށް ވަޑައިގަންނަވައިފި


  • މިއީ ދަތުރުގެ ހަތްވަނަ މަންޒިލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީ އޮމަދޫއަށް ވަޑައިގަންނަވައިފިއެވެ.

އދ. އަތޮޅަށް ފަށްޓަވާފައިވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ހަތްވަނަ މަންޒިލަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އޮމަދޫއަށް ވަޑައިގެންނެވުުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން އޮމަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެއިތުރުން ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވުންވެސް ކުރިއަށްގެންދަވާނެއެވެ.

މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އދ. އަތޮޅުގެ ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ދަނީ ފަށްޓަވަމުންނެވެ.