ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ގަލްފް އެއަރ އަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން ގަލްފް އެއަރ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން, އަބްދުالله ގިޔާސްއެވެ.
ރަސްމިއްޔާތުގައި ގަލްފް އެއާގެ އެއަރޕޯޓް މެނޭޖަރު މުހައްމަދު އަރުޝަދު މުހައްމަދު ނަވާސް, އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް, އެމްއޭސީއެލް އާއި ގަލްފް އެއާގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ގަލްފް އެއާ އިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 77 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ގަލްފް އެއަރގެ ފުރަތަމަ މަތިންދާބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި, އެ ފްލައިޓުން ރާއްޖެ އައި 18 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ގަލްފް އެއަރއަކީ ބަހްރެއިންގެ ގައުމީ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 27 އޮކްޓޫބަރު 2019 ގައެވެ. ގަލްފް އެއަރ އިން ބަހްރެއިން އާއި ރާއްޖެއާ ދެމެދު ދުވާލަކު އެއް ފްލައިޓް އަދި ރާއްޖެއާއި ލަންކާއާ ދެމެދު ވެސް ދުވާލަކު އެއް ފްލައިޓް ބާއްވައެވެ.
ގަލްފް އެއާއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 9 ވަނަ އެއަރލައިނެވެ. އަދި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި މެދުއިރުމަތީގެ ދެވަނަ އެއަރލައިނެވެ.
ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއާގެ އިތުރުން ބެއިޖިންގް ކެޕިޓަލް އެއާލައިންސް, ބަޓިކް އެއާ, ބެންކޮކް އެއާވޭސް އަދި އިންޑިގޯއެވެ.