ޚަބަރު

ކްލެސިކް: ބިނާރާ ބަލިކޮށް ޗެމްޕިއަންކަން އެޗްޕީއެސްއެންއަށް


ކްލަބް މޯލްޑިވްސް 2025 ގެ ކްލެސިކް މުބާރާތުގެ ފައިނަލް މެޗުގައި ކުލަބު ބިނާރާ ބަލިކޮށް ޓީމު އެޗްޕީއެސްއެންއިން ޗެމްޕިއަންކަން ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗު އެޗްޕީއެސްއެންއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ލީޑު ނަގާފައިވަނީ އެޗްޕީއެސްއެން އިންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ޝިހާމެވެ.

އޭގެ ފަހުން މި މެޗުގައި ބިނާރާއިން ފޮނުވާލި ގިނަ ހަމަލާތަކެއް އެޗްޕީއެސްއެންގެ ގޯލްކީޕަރު އަޙްމަދު ސަމީރު ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި އެޗްޕީއެސްއެންއިން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރިލްވާނެވެ.

މި މެޗުގައި ބިނާރާއިން ފަރަގު ކުޑަކޮށްފައިވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ނާމީއެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި އެޗްޕީއެސްއެންގެ އަޙްމަދު ރިލްވާން ވަނީ އިތުރު ލަނޑެއް ޖަހައި، އެ ޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްދީފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެޗްޕީއެސްއެން އަޙްމަދު ރިލްވާނެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހުޅުމާލެ ހޮސްޕިޓަލްގެ ހަސަން ސޮލާހު ހޯދިއިރު، އޭނާ ވަނީ 14 ލަނޑު ޖަހާފައެވެ. އަދި މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމު ކްރިމިނަލް ކޯޓުގެ ޔައިޝް މުސްތަފާ ހޯދިއިރު، ފެއާޕްލޭ ޓީމަކީ ކުލަބު ބިނާރާއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އެޗްޕީއެސްއެންގެ އަޙްމަދު ޝޫން އާއި، މުޙައްމަދު ސޮލާހު އާއި، ގޯލްކީޕަރު އަޙްމަދު ސަމީރުގެ އިތުރުން ބިނާރާގެ އަލީ އިރުފާދު އަދި މުޙައްމަދު އަނޫފް ނާޝިދެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗު (މާސްޓަރ އޮފް ކްލެސިކް) އަކީ އެޗްޕީއެސްއެންގެ މުޙައްމަދު ޝަނީޒްއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކްލެސިކް ކިންގް) އަކީ އެޗްޕީއެސްއެން އަޙްމަދު ޝޫންއެވެ.