ފަރަންސޭސިވިލާތުގެ އައު ވަޒީރުންގެ މަޖިލީހަކާއެކު ސަރުކާރު އެކުލަވާލިތާ 14 ގަޑިއިރުގެ ތެރޭގައި، ބޮޑުވަޒީރުގެ ސަބޭސްޝަން ލެކޯނޫ އިސްތިޢުފާ ދެއްވައިފިއެވެ.
ފަރަންސޭސިވިލާތުގެ އައު ބޮޑުވަޒީރުގެ މަޤާމަށް އެ ޤައުމުގެ ރައީސް އެމަނުއަލް މެޚްރޮންގެ އަރިސް ބޭފުޅެއް ކަމަށްވާ ސަބޭސްޝަން ލެކޯނޫ އައްޔަނުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
ލެކޯނޫ، ވަޒީރުންގެ މަޖިލިސް އެކުލަވާލިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ކުއްލި ގޮތަކަށް އިސްތިޢުފާ ދެއްވީ، ސަރުކާރު ވައްޓާލާނެކަމަށް ސިޔާސީ ވާދަވެރިންގެ އިތުރުން، ސަރުކާރަށް ތާއީދުކުރާ ސިޔާސީ ފަރާތްތަކުން ވެސް އިންޒާރު ދެމުންދާތީ، މަޤާމުގެ މަސްޢޫލިއްޔަތު ފުރިހަމަ އަދާކުރެއްވޭނެ ޖާގައެއް ނެތް ކަމަށް ވިދާޅުވުމަށްފަހުއެވެ.
އެ ފަރާތްތަކުން ހިތްހަމަނުޖެހުނީ، ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރި ގިނަ ބޭފުޅުންނާ ނުރުހޭތީއެވެ.
ލެކޯނޫ އިސްތިޢުފާ ދެއްވުމާއެކު، އިދިކޮޅު ޕާޓީތަކުން ވަނީ މެޚްރޮން ވެސް އިސްތިޢުފާ ދެއްވައި، ނުވަތަ ޤާނޫނު ހަދާ މަޖިލީހުގެ އަވަސް އިންތިޚާބެއް ބާއްވަން ގޮވާލައިފައެވެ.
ލެކޯނުއަކީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމަށް މެޚްރޮން ޢައްޔަނުކުރެއްވި ފަސްވަނަ ބޭފުޅެވެ. އަދި މިއީ ފަހުގެ ތާރީޚެއްގައި އެންމެ އަވަހަށް ވެއްޓުނު ފަރަންސޭސިވިލާތުގެ ސަރުކާރެވެ.
ފަރަންސޭސިވިލާތަށް ކުރިމަތިވެފައިވާ ސިޔާސީ ކާރިސާއާ ގުޅިގެން އިންވެސްޓަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. ޚާއްޞަ ގޮތެއްގައި، ސަރުކާރުން ސޮވެރެން ބޮންޑާއި ސްޓޮކް ގަނެފައިވާ އިންވެސްޓަރުންގެ މެދުގައި އޮތް ކަންބޮޑުވުން އިތުރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އެ ޤައުމަށް ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައި މި ވަނީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.