ސްޕެނިޝް ލީގުގައި ސެވިއްޔާ އަތުން 4-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވީ ޑިފެންސް ލައިނުގައި ރޫހު ނެތިގެން ކަމަށް މިޑްފީލްޑަރު އަދި ވައިސް ކެޕްޓަން ޕެޑްރީ ބުނެފިއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޕެޑްރީ ބުނީ ބާސެލޯނާގެ ޑިފެންސް ލައިނުގައި ހާއަޅާ ތަންތަން ފޫބައްދަން ޖެހިފައިވާ ކަމަށެވެ.
"އަހަރުމެންނަށް ނޭނގުނު ބޯޅައާއެކު އެ މީހުންގެ މޭން ޓު މޭން ޕްރެޝަރަށް ހަދަންވީ ގޮތެއް. އަހަރުމެންގެ ޑިފެންސް ލައިނުގައި ރޫހެއްނެތް. އަހަރުމެންނަށް އެކަށީގެންވާ ގޮތަކަށް ނުކުޅެވުނު. އަހަރުމެން މި މެޗުގައި ބަލިވީ ވަރަށް ގިނަ ކަންކަން ގޯސްވެގެން. އަހަރުމެންގެ ކުޅުން ފެނުނީ ވަރަށް ގޯސްކޮށް. މިއީ ކުޅުންތެރިންނާއި ކޯޗާއެކު އިށީނދެގެން ރަނގަޅު ކުރަންޖެހިފައިވާ ކަމެއް. ވަރަށް ގިނަކަން ރަނގަޅު ކުރަންޖެހޭ. މިހާ ގޯސްކޮށް ކުޅުނު މެޗެއް އަހަރެންގެ ހަޔާތުގައި ނެތް،" ޕެޑްރީ ބުންޏެވެ.
މި މެޗުން ބަލިވުމުން ބާސެލޯނާ ވަނީ އެއްވަނައިގައިވާ ރެއާލް މެޑްރިޑަށްވުރެ ދެ ޕޮއިންޓް ފަހަތަށް ޖެހިފައެވެ.
މެޗަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަމުން ކޯޗު ހަންސީ ފްލިކް ބުނީ މިއީ އަނެއްކާ ވެސް ބާސެލޯނާ ސުމަކުން ފަށަން ޖެހުނު ނަތީޖާއެއް ކަމަށެވެ.
"އަހަރެންގެ އެންމެ ދެރަވި މެޗަކީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި އިންޓަމިލާން އަތުން ބަލިވި މެޗު. އެއަށްފަހު މި މެޗޭ ބުނެވިދާނެ. އަހަރުމެންނަށް އެއްގޮތަކަށް ވެސް ނުކުޅެވުނު. މި ނަތީޖާ އަކީ އަނެއްކާ ވެސް އަހަރުމެން އަލުން ފަށައިގަންނަންވީ ނަތީޖާއެއް،" ކޯޗު ބުންޏެވެ.
ފްލިކް ބުނީ ހުސްވި ސީޒަނާ ހިލާފަށް މި ސީޒަނުގައި ބާސެލޯނާ އަށް ކުރީގެ ކުޅުން އަދި ނުދެއްކޭ ކަމަށެވެ. އަދި އެކަން ބަދަލު ކުރުމަށް ގައުމީ ޓީމުތައް ކުޅޭ މެޗުތަކަށް ފަހު މުޅި ޓީމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"މިފަދަ ނަތީޖާތަކަކީ އަހަރެން ދެކޭ ގޮތުގައި އަހަރުމެން އިތުރަށް ރަނގަޅު ކުރަން ވިސްނަންވީ ވަގުތު. މިދިޔަ ސީޒަނުގައި އަހަރުމެން ދެއްކި ކުޅުން އަދި ނުކުޅެވޭ. އަލުން ކާމިޔާބީގެ މަގަށް އައުމަށް އަހަރުމެން އެބަޖެހޭ ވަރަށް ގިނަ މަސައްކަތް ކުރަން،" ފްލިކް ބުންޏެވެ.
މި މެޗުގައި ބާސެލޯނާ ކޮޅަށް މެޗުގެ ފަހުބައިގައި އިތުރު ދެ ގޯލު ވަނީ 2-1އިން ބަލިވެފައި އޮއްވައި ނަތިޖާ ހަމަހަމަކުރަން ލިބުނު ޕެނަލްޓީ ރޮބަޓް ލެވޮންޑޯސްކީ އަތުން ބޭކާރުވުމާއެކުގަ އެވެ.