ޚަބަރު

ޔޫކްރެއިނަށް ޓޮމަހޯކް މިސައިލް ފޯރުކޮށްދީފިނަމަ އެމެރިކާއާއި ރަޝިޔާގެ ގުޅުން ގޯސްވާނެ: ޕުޓިން


ދުރު ހިސާބުތަކަށް ޙަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާ ޓޮމަހޯކް މިސައިލް އެމެރިކާއިން ރަޝިޔާއަށް ފޯރުކޮށްދީފިނަމަ، އެމެރިކާ އާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން އިއާދަނުކުރެވޭ ވަރަށް ގޯސްވާނެކަމުގެ އިންޒާރު ރަޝިޔާގެ ރައީސް ވްލެޑިމީރް ޕުޓިން ދެއްވައިފިއެވެ.

ޔޫކްރެއިން ހަނގުރާމަ ނިންމުމަކަށް ގެނައުމަށް، މީގެ ދެ މަހެއްހާ ދުވަސް ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެލަސްކާގައި ޕުޓިން އާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ. އޭގެ ބަދަލުގައި ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވެފައިވާއިރު، ނޭޓޯގެ ޤައުމުތަކުގެ ވައިގެ ސަރަޙައްދަށް ރަޝިޔާގެ ޑްރޯންތައް ވަނުމާއި ޔޫކްރެއިނުގެ އިތުރު ސަރަޙައްދުތަކަށް ރަޝިޔާ ސިފައިން ވަނުން ފަދަ ގިނަ ހާދިސާތަކެއް ވަނީ ހިނގައިފައެވެ.

ޙާލަތު އިތުރަށް ގޯސްވަމުން އަންނައިރު، މި ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ސީދާ ވަދެ، ރަޝިޔާއަށް ޙަމަލާދޭން ފެށުމުގެ އަޑުތަކެއްވެސް ވަނީ އިވެން ފަށައިފައެވެ.

ސުލްޙަ ޤާއިމުކުރަން ރަޝިޔާއިން އެއްބަސްނުވުމުގެ ހިތްހަމަނުޖެހުން ޓްރަމްޕް ވަނީ ތަކުރާރުކޮށް ފާޅުކުރައްވައިފައެވެ.

އަދި ރަޝިޔާގެ އެކި ސަރަޙައްދުތަކަށް ޙަމަލާތައް ދިނުމުގެ ޤާބިލުކަން ޔޫކްރެއިނަށް ދިނުމަށް، އެމެރިކާއިން ޓޮމަހޯކް މިސައިލް ފޯރުކޮށްދިނުމަށް ޔޫކްރެއިނުން އެދިފައިވާކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ވަނީ ހާމަކުރައްވައިފައެވެ.

ނަމަވެސް، އެކަމާ ގުޅޭ ގޮތުން އެމެރިކާއިން ގޮތެއް ނިންމި ކަމެއް ސާފެއް ނޫނެވެ.

ރަޝިޔާގެ ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޕުޓިން ވިދާޅުވީ، އެމެރިކާއިން ޔޫކްރެއިނުގެ އެ އެދުމަށް އިޖާބަދީ، މިސައިލް ފޯރުކޮށްދީފިނަމަ، އެމެރިކާ އާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން އިއާދަނުކުރެވޭ ވަރަށް ގޯސްވާނެ ކަމަށެވެ.

ގާތްގަނޑަކަށް 2،500 ކިލޯމީޓަރާ ހަމައަށް ދަތުރުކުރެވޭ ޓޮމަހޯކް މިސައިލް ޔޫކްރެއިނަށް ލިބިއްޖެނަމަ، ރަޝިޔާގެ ހުރިހާ ސަރަޙައްދަކަށް ޙަމަލާދިނުމުގެ ޤާބިލުކަން ޔޫކްރެއިނަށް ލިބޭނެއެވެ.

ޕުޓިން ވިދާޅުވި ގޮތުގައި، ޓޮމަހޯކް މިސައިލް ފޮނުމުގައި އެމެރިކާ ސިފައިންގެ ސީދާ ބައިވެރިވުން ޔޫކްރެއިނަށް ބޭނުންވާނެއެވެ. އެހެންކަމުން، އެމެރިކާއިން އެފަދަ އެހީތެރިކަމެއް ފޯރުކޮށްދޭން ފަށައިފިނަމަ، މި ހަނގުރާމައިގެ މުޅީން އާ ބާބެއް ފެށިގެންދާނެކަމަށް ވެސް ޕުޓިން ވިދާޅުވިއެެވެ.

ޓޮމަހޯކް މިސައިލް ފޯރުކޮށްދިނަސް، އެފަދަ ޙަމަލާތަކުން ދިފާޢުވެ، މިސައިލްތައް ވައްޓައިލުމުގެ ޤާބިލުކަން ރަޝިޔާގައި ހުރި ކަމަށް ވެސް ޕުޓިން ވިދާޅުވެފައިވެއެވެ.