ޚަބަރު

ސިލްސިލާކޮށް ކުރާ މުޒާހަރާ ހުއްޓުވަން އިނގިރޭސިވިލާތުގެ ފުލުހުންނަށް އިތުރު ބާރުތަކެއް


އިނގިރޭސިވިލާތުގައި ސިލްސިލާކޮށް، އެއް ސަރަޙައްދަކަށް އެއްވެ ކުރާ މުޒާހަރާތައް ހުއްޓުވަން ފުލުހުންނަށް އިތުރު ބާރުތަކެއް ދީފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

މި ނިންމުން ނިންމާފައިވަނީ، ޔަހޫދީންގެ ފައްޅިއަކަށް ދިން ޙަމަލާއާ ގުޅިގެން، ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ހިންގަމުންދާ ޤަތުލުއާއްމާ ދެކޮޅަށް އަޑުއުފުލުމަށް ރޭވި މުޒާހަރާއެއް ފަސްކުރަން ސަރުކާރުން އެދުނު އެދުމަށް އިޖާބަނުދިނުމާ ގުޅިގެންނެވެ.

އިނގިރޭސިވިލާތުގެ ދާޚިލީ ވުޒާރާއިން ބުނީ، ކުރިން ބޭއްވި މުޒާހަރާތަކުގައި ނުކުތް ނަތީޖާ އާއި މުޖުތަމަޢުއަށް ކުރި ނޭދޭވޭ އަސަރު ވަޒަންކުރުމަށްފަހު، އެފަދަ އެހެން މުޒާހަރާއެއް ހުއްޓުވުމުގެ ބާރު ފުލުހުންގެ އިސްވެރިންނަށް މިހާރު ލިބިދީފައިވާ ކަމަށެވެ.

އެއްވެ އުޅުމުގެ ޙައްޤަކީ ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤެއް ނަމަވެސް، ބާކީ ތިބި ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް މުޒާހަރާކުރުމުގެ ފުރުޞަތު ނުދެވޭނެކަމަށް ދާޚިލީ ވަޒީރު ޝަބާނާ މަޙްމޫދު ވިދާޅުވިއެވެ.

އަދި ފަލަސްޠީނުގެ ޙައްޤުގައި ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން، ޔަހޫދީންގެ އާބާދީ ނުތަނަވަސްކަމެއްގެ ތެރޭގައި އުޅެންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކުރާ ފަލަސްޠީނިއަން އެކްޝަން ޖަމްޢިއްޔާ، ނިރުބަވެރިކަމާ ގުޅޭ ޤާނޫނެއްގެ ދަށުން އެ ޤައުމުގައި މަނާ ކުރުމުން އެ ކަމާ ދެކޮޅަށް އަޑުއުފުލުމަށް އިއްޔެ ބޭއްވި އެއްވުމުގައި 500 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މުޒަހާރާތައް ހުއްޓުވަން ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމަކީ، ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ ޙައްޤަށް ދިން ނުރައްކާތެރި ޙަމަލާއެއްގެ ގޮތުގައި، އިއްޔެގެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ވަނީ ސިފަކޮށްފައެވެ.