ދުނިޔޭގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕުގެ ގުރު ނެގުމުގެ ރަސްމިއްޔާތަށް އެމެރިކާ އަށް ދިއުމަށް ބޭނުންވާ ވިސާ އީރާނުގެ އޮފިޝަލުންނަށް ނުލިބުނު ކަމަށް އެ ގައުމުން ބުނެފި އެވެ.
އިރާނުން ބުނީ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެމެރިކާގައި ބާއްވާ ގުރު ނެގުމުގެ ރަސްމިއްޔާތަށް ދިއުމަށް ނުވަ މީހަކަށް ވިސާ އަށް އެދުނު ނަމަވެސް އެކަން ނުވި ކަމަށެވެ. މިހެންވެ މިކަން މިހާރު ދުނިޔޭގެ ފުޓްބޯޅަ ޖަމިއއްޔާ ފީފާ އަށް ހުށަހަޅާފައިވާ ކަމަށެވެ.
އިރާނުން ވިސާ އަށް އެދުނު ނުވަ މީހުންގެ ތެރޭގައި ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް އާއި ގައުމީ ކޯޗު އާމިރު ގަލެއޯނީ ވެސް ހިމެނެ އެވެ.
މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭޝިޔާގެ ފުޓްބޯޅަ ފެޑަރޭޝަން (އޭއެފްސީ)ގެ ނައިބް ރައީސެއްގެ ގޮތުގައި ވެސް ހުންނެވި ތާޖް ވިދާޅުވީ ފީފާ އަށް މި ކަން ހުށަހަޅައިގެން ވިސާ ހަމަޖެހޭތޯ މިހާރު މަސައްކަތް ފައްޓަވައިފި ކަމަށެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމަށް މީހުން އެތެރެވުން ހަރުކަށި ކޮށްފައިވާ 15 ގައުމުގެ ތެރޭގައި އީރާން ހިމެނެ އެވެ. އަދި ސިޔާސީ މައްސަލަތަކާ ހުރެ ދެ ގައުމުގެ ގުޅުން ވެސް ރަނގަޅެއް ނޫނެވެ.
މިދިޔަ މަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އެއްވެސް ގައުމަކަށް އެމެރިކާ އަށް ދިއުމަށް ދަތިތަކެއް ހުރިނަމަ އެކަން ހައްލުކޮށް ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގެ ރައީސް ކަމަށް ދެ ވަނަ ފަހަރަށް ވަޑައިގެންނެވި ފަހުން ޓްރަމްޕް ގެންދަވަނީ ކުޅިވަރުގެ ބޮޑެތި އިވެންޓްތަކުގައި ވަރަށް ބޮޑަށް ބައިވެރިވެވަޑައިގަންނަވަމުންނެވެ. މި ގޮތުން އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕަށް އޭނާ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަ އެވެ. ނަމަވެސް އެމެރިކާގެ "ސަލާމަތަށް"ޓަކައި ކަމަށް ބުނެ ބައެއް ގައުމުތަކާ މެދު އޭނާގެ ސަރުކާރުން ދަނީ ވަރަށް ހަރުކަށި އުސޫލުތައް އާއްމު ކުރައްވާފަ އެވެ.