ކުޅިވަރު

ތިން ބަލިވުމުން ލިވަޕޫލް ކޯޗު ދެއްކީ ގިނަ ބަހަނާތަކެއް


އޭނާގެ ކޯޗުކަމުގައި ޖެހިޖެހިގެން ތިން ބަލިވުމުން ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ވަރަށް ގިނަ ބަހަނާތަކެއް ދައްކައިފި އެވެ.

ޕްރެމިއާ ލީގުގައި ރޭ ލިވަޕޫލް ބަލިވީ ޗެލްސީ އަތުން ފަހު ވަގުތު ވަން ގޯލުން 2-1އިންނެވެ. މީގެ ކުރިން ވަނީ ކްރިސްޓަލް ޕެލަސް އަތުން ފަހު ވަގުތު 2-އިން ބަލިވެފަ އެވެ. އެ މެޗަށް ފަހު މި މެޗުގެ ކުރިން ބަލިވީ ޗެމްޕިއަންސް ލީގުގައި ތުރުކީގެ ގަލަޓަސަރާއީ އަތުން 1-0އިންނެވެ.
މި ސީޒަނަށް ތައްޔާރުވުމަށް 450 މިލިއަން ޕައުންޑަށްވުރެ ގިނައިން ހަރަދު ކުރި ޓީމުގެ ކޯޗު ކުރިން ބުނީ އޭނާގެ ޓީމަށް ދަތިވަނީ މާބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސް ކުރާ ޓީމުތައް އަތުން މޮޅުވާން ކަމަށެވެ.

ނަމަވެސް ޗެލްސީ އަތުން ބަލިވުމުން މި ވާހަކަ ތަކުރާރުކޮށް އޭނާ ބުނީ ވަރަށް އާދައިގެ ބޯޅަތަކުގައި އަމިއްލަ އަށް ހެދޭ ގޯސްތައް ވެސް ގިނަވަމުންދާ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މެޗަކުން މޮޅުވާން ލިވަޕޫލަށް ހިލޭ ޖެހުމެއް ނުވަތަ ޕެނަލްޓީ އެއް ލިބެނީ މަދު ފަހަރަކު ކަމަށެވެ.

"އެކަމަކު ޗެލްސީ އާއި އާސެނަލް އަށް ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް އެ ފުރުސަތު ލިބޭ،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ތަފާތު މުބާރާތްތައް ކުޅެން ޖެހޭއިރު ޝެޑިއުލް އޮތް ގޮތުން އެއް މެޗުގައި ހެދޭ ގޯސްތައް ރަނގަޅު ކުރަން ފުރުސަތު ލިބެނީ ހަމައެކަނި ވީޑިއޯގެ ޒަރީއާއިން ކަމަށެވެ.
"ދަނޑުމަތީގައި އެކަންކަން ރަނގަޅު ކުރަން ވަގުތެއް ނުލިބޭ. މިއީ ވެސް މައްސަލައެއް. އެކަމަކު އަހަރުމެން މި ތިބީ ސީޒަނުގެ ފަހު ބަޔަކަށް ނިދާފައެއްނޫން. އަހަރުމެން ކަންކަން ރަނގަޅު ކުރާނަން،" ކޯޗު ބުންޏެވެ.

މިސާލެއްގެ ގޮތުން އޭނާ ދެއްކީ ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑެވެ.

"އެންމެން ކަންބޮޑުވަނީ އަހަރުމެން ތިން މެޗުން ބަލިވީމަ. އެކަމަކު މިއީ އަރައިގަނެވޭނެ ކަމެއް. ނިކަން މިސާލަކަށް ބަލާ އެތްލެޓިކޯ. އެ މީހުން ސީޒަން ފެށީ ވަރަށް ދަށްކޮށް. އެކަމަކު މިހާރު އެ މީހުން ވަރަށް ވަރުގަދަ ވެއްޖެ. މެޗުތަކުން މޮޅުވާން ވެސް ފަށައިފި. އެހެންވީމާ މިހެން އަދި ބަލިވުމަކުން ކަންކަން ގޯސްކޮށް ދެކޭކަށް ނުވާނެ،" ކޯޗު ބުންޏެވެ.

ރޭ ޗެލްސީ އަތުން ބަލިވުމުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ ޓޭބަލުގެ ދެ ވަނަ އަށް ވެއްޓިފަ އެވެ. އެއްވަނާގައިވަނީ މިދިޔަ ތިން ސީޒަނުގައި ވެސް ދެ ވަނަ އަށް ދިޔަ އާސެނަލް އެވެ.