ޚަބަރު

ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކަށް ތަކައިޗީ، ސިޔާސަތުތަކަށް ބޮޑެތި ބަދަކުތަކެއް ގެންނަވާނެ ކަމަށް ބެލެވޭ


ޖަޕާނުގެ ވެރިކަންކުރާ ލިބެރަލް ޑިމޮކްރަޓްސް ޕާޓީ (އެލްޑީޕީ) އާ ލީޑަރުގެ މަޤާމަށް ސަނައެ ތަކައިޗީ ހޮވުމާ އެކު، ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކު ޢައްޔަނުކުރުމާ ވަރަށް ގާތަށް ޖެހިލައިފިއެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޝިގެރު އިޝިބާ އިސްތިޢުފާ ދެއްވުމާ ގުޅިގެން، އުމުރުފުޅުން 64 އަހަރުގެ ތަކައިޗީ ޕާޓީގެ އާ ލީޑަރުކަމަށް ހޮވާފައިވާއިރު، ބޮޑުވަޒީރުކަމަށް އައްޔަނުކުރުމާ މެދު، ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި މި މަހުގެ 15 ވަނަ ދުވަހު ވޯޓަށް އަހާނެކަމަށް ބެލެވެއެވެ.

ޤާނޫނު ހަދާ މަޖިލީހުގައި އެލްޑީޕީގެ ވެރިކަންކުރާ އިއްތިހާދުގެ އަޣުލަބިއްޔަތު އޮތް އިރު، ބޮޑުވަޒީރުކަމަށް ތަކައިޗީ ޢައްޔަނުކުރުމަށް މާބޮޑު ހުރަހެއް އޮންނާނެކަމަކަށް ނުބެލެވެއެވެ.

އިޝިބާ އިސްތިޢުފާ ދެއްވާފައި ވަނީ ޖަޕާނުގައި ދިރިއުޅުމުގެ އަގުތައް އުފުލުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން ސަރުކާރާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ވެސް ވަނިކޮށެވެ.

ތަކައިޗީ ތާއީދު ކުރައްވަނީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އިތުރު ޚަރަދުތައް ކުރުމަށެވެ. އަދި ލޯނުތަކުން ނަގައި އިންޓަރެސްޓުގެ ޢަދަދު މަތި ކުރުމަށް އޭނާ ދެކޮޅުހައްދަވައެވެ.

ޕާޓީގެ ލީޑަރުކަމަށް ހޮވިވަޑައިގެންނެވުމަށްފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަކައިޗީ ވަނީ އިންޓަރެސްޓު ރޭޓު ކުޑަކޮށްގެން، އިޤުތިޞާދުގައި ފައިސާ ދައުރުވާ މިންވަރު އިތުރުކުރެއްވުމުގެ ވިސްނުން ޙިއްސާކުރައްވައިފައެވެ. ނަމަވެސް، ޤައުމުގެ މިވަގުތުގެ އިޤުތިޞާދީ ޙާލަތަށް ބަލައި، މާލިއްޔަތާ ގުޅޭ ކޮންމެ ނިންމުމެއްގައި ވިސްނުންތެރިކަން އިސްކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެެވެ.

އިޤުތިޞާދުގެ އިތުރުން، ޖަޕާނުގައި ބިދޭސީންގެ އަދަދުތައް އިންތިހާއަށް އިތުރުވާތީ، އެކަމާ ދެކޮޅަށް އަވަސް ފިޔަވަޅުތައް އެޅުއްވުމަކީ ވެސް ތަކައިޗީގެ މައި ވަޢުދެކެވެ.