ކުޅިވަރު

ރެއާލް މެޑްރިޑް އެކަނިކޮށް، ބާސެލޯނާ ސުޕަ ލީގުން ވަކިވަނީ


ޔޫރަޕުގެ އެންމެ ގަދަ ޓީމުތައް ބައިވެރިވެގެން ކުޅެން ހަމަޖައްސަން އުފެއްދި ޔޫރަޕިއަން ސުޕަ ލީގުން ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ ވަކިވާން އުޅޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފިއެވެ.

ޔޫރަޕުގެ އެންމެ ގަދަ 12 ކުލަބު އެކުވެގެން އުފެއްދި ސުޕަ ލީގަކީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާއިން ވަރަށް ބޮޑަށް ދެކޮޅު ހަދާ މުބާރާތެކެވެ. ސުޕަލީގު އުފެއްދި ކުލަބުތަކުން ބޭނުންވީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި ކޮންފަރެންސް ލީގުގެ ބަދަލުގައި ސުޕަލީގުގައި ހުރިހާ ޓީމުތައް ކުޅޭށެވެ. މި ސުޕަލީގުން ޔޫރަޕުގެ ނަން މަޝްހޫރު އެއްވެސް ޓީމެއް ބާކީ ނުވާނެ އެވެ.

ޔޫއޭފާގެ ނުރުހުމާހުރެ މި ސުޕަ ލީގުގެ ބައިވެރިން ވަނީ ތިނަކަށް މެދުވެފަ އެވެ. މިހާތަނަށް ސުޕަލީގާއެކު ކުރިއަށް ދާން ބޭނުންވެގެން އެ ކަމުގައި ދެމި އޮތް އެއް ކުލަބަކީ ބާސެލޯނާ އެވެ. އަނެއް ދެ ކުލަބަކީ ސްޕޭނުގެ ރެއާލް މެޑްރިޑާއި އިޓަލީގެ ޔުވެންޓަސް އެވެ.

ނަމަވެސް ބާސެލޯނާއިން ސުޕަ ލީގުގެ ހިޔާލު ދޫކޮށް ޔޫއޭފާއާއިން ޗެމްޕިއަންސް ލީގަށް ގެންނަމުންދާ ބަދަލުތަކަށް ތާއީދު ކުރަން ބޭނުންވީ ގުޅުން ރަނގަޅު ކުރުމުގެ ގޮތުން ކަމަށްވެ އެވެ. މި ގޮތުން ޔޫއޭފާއިން ޗެމްޕިއަންސް ލީގަށް މިދިޔަ ސީޒަނުން ފެށިގެން ގެނެސްފައިވާ ބަދަލުތަކުން ގިނަ އަދަދަކަށް ފައިސާ ލިބޭތީވެ ބާސެލޯނާ އޮތީ އެ ބަދަލުތަކަށް މިހާރު ރުހި ގަބޫލުވެގެންނެވެ.

އަނެއްކުޅުން ސުޕަލީގުގެ ހިޔާލު ދޫކޮށް ޔޫއޭފާއާ ގާތަށް ބާސެލޯނާ ޖެހިގަތީ ރެއާލް މެޑްރިޑުގެ ސަބަބުން ކަމަށް ވެސް ސްޕޭނުގެ ބައެއް ނޫސްތަކުން ބުނެ އެވެ. އެއީ ރެފްރީންނަށް ރިޝްވަތު ދީގެން މެޗުތަކުގެ ނަތީޖާ އަނބުރާލި ކަމަށް ބުނޭ ނެގްރޭރާ މައްސަލާގައި ބާސެލޯނާ އަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ރެއާލް މެޑްރިޑުން ބާރު އަޅަމުންދިއުމުންނެވެ.

ނަމަވެސް މި އަހަރުގެ ކުރީ ކޮޅު ބޭއްވި ރެއާލްގެ އަހަރީ ޖަލްސާގައި ޕެރޭޒް ވިދާޅުވީ ރެއާލް މެޑްރިޑާއި ބާސެލޯނާ ފަދަ ކުލަބުތަކަކީ ޖެހިނުގަނެ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކުލަބުތައް ކަމަށެވެ.