ޚަބަރު

ނިމުނު ހަފްތާ: ރައްޔިތުންނަށް ފައިދާވާ މުހިންމު ނިންމެވުންތަކާއެކު ކޮރަޕްޝަނާއި ޚިޔާނާތާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް


ނިމުނު ހަފްތާގައި ސަރުކާރުން ވަނީ ރައްޔިތުންނާއި ގުޅުންހުރި އަދި އެނިންމެވުން ތަކުގެ ސަބަބުން އެކި ދާއިރާތަކުން ޤައުމަށް މަންފާކުރާނެ ނިންވުންތަކާއި ކަންކަން އިއުލާން ކުރައްވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި މުހިންމު ނިންމެވުންތަކުގެ ތެރޭގައި އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ދާއިރާއެއްގެ މުސާރަ ބޮޑުކުރެއްވުމަށް ނިންމެވުން ފާހަގަކުރެވެއެވެ. ދައުލަތުގެ މުސާރަ އެއްހަމަ ކުރުމުގެ އުސޫލުގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސަރވިސް މުވައްޒަފުންނާއި، ޖުޑިޝަރީ އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ފެބްރުއަރީ އެކަކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުން ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ނިންމާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.
މިހާރުކުރެވޭ މަސައްކަތުގެ ތެރެއިން، އަންނަ އަަހަރުގެ ފެބްރުއަރީ އެކަކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް ބޮޑުކުރެވޭނެކަމަށެވެ. އަދި ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް ބޮޑުކުރާއިރު، ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން މަސްވެރިންގެ އަޑުއައްސަވާ، މަސްވެރިން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން 3 ވަނަ ފަހަރަށް ކެއުޅުންނާއި ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ.
ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބޭންކުން ދޫކުރާ ލޯނަށް އެދޭގޮތް ފަސޭހަކޮށްދެއްވުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުން މަދުކުރެވޭނެގޮތަކަށް އެކަން ކުރެވޭނެތޯ ބޭންކަށް އަންގަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެކި ބައިތަކުން 1ވަނަ ހާސިލުކުރާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް، ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިވަނީ ނިންމަވައިފައެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމުތައް ދެވޭ މުބާރާތަށް، މިއަހަރުން ފެށިގެން ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނުކުރައްވާފައެވެ.

ދިވެހި ވަޠަނީ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ. ޅ. މާފިލާފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކުރެއްވުމުގެ ގޮތުން ދިވެހި ވަޠަނީ ޚިދުމަތުގެ ދިދަ ހަވާލުކުރައްވާފައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 50 ބުރީގެ އިމާރާތެއް އިމާރާތް ކުރުމަށްވުރެވެސް، ޤައުމުދެކެ ލޯބިވާ، އިސްލާމްދީންދެކެ ލޯބިވާ، ފަޚުރުވެރި، ހުނަރުވެރި، ޒުވާނެއް ބިނާކުރުމަކީ، މުހިންމު ކަމެއް ގޮތުގައި ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.

މިއަހަރު ނިމުމުގެ ކުރިން މާލެ ސިޓީގައި މަދުވެގެން 3000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާން ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޯހިޔާވަހިކަން ހިމެނޭހެން ރައްޔިތުން ބޭނުންވާ ގޮތަށް، ހުރިހާ ދާއިރާއަކުން އެމަނިކުފާނު ވެފައިވާ ވަޢުދުތައް ފުއްދަވާނެކަމަށެވެ.

އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަފްތާ ތެރޭގައި ނިންމަވައިފިއެވެ.

މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގުމަށް އެ ރަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއާ ވަނީ ހަވާލުކުރައްވާފައެވެ.

މިީގެ އިތުރުން ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ދިވެހި ކުންފުނިތަކަށް ސަރުކާރުން ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދީ ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަފްތާ ތެރޭގައި ދެއްވާފައެވެ. އެމަނިކުފާނު މިޔަޤީންކަން ދެއްވާފައިވަނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ތަޖަކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ރަނގަޅު ކާމީޔާބީއަކަށް އެދިވަޑައިގެން، ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި ކޯޗުން އަދި އޮފިޝަލުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިހަފްތާ ތެރޭގައި ވަނީ ކޮންޓެންޓް އުފައްދާ މީހުންނަށް ޚާއްސަ ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާއެއްގޮތަށް ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުޞަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމުގެ މަޤުޞަދުގައި ދޫކުރާ ލޯން ސްކީމެކެވެ.

ބޯހިޔާ ވަހިކަމުގެ ދާއިރާއިިން ވެސް މުހިންމު ކަންތަތަކެއް މި ހަފްތާގައި ފާހަގަވިއެވެ. އެގޮތުން ރައީސް އިއުލާންކުރެއްވި 3000 ހައިސިންގ ޔުނިޓްގެ މަޝްރޫޢުގެ އިތުރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ވަނީ ފަށާފައެވެ. އެންމެ ފުރަތަމަ ފްލެޓް ލިބުނު ފަރާތަށް މިހާރު ވަނީ ތަޅުދަނޑި ހަވާލުކޮށްފައެވެ.

ނިމުނު ހަފްތާގައި އެންމެ ބޮޑަށް އަޑުއިވިގެންދިޔައީ ޚިޔާނާތާއި ގުޅުންހުރި ވާހަކަތަކެވެ. އެގޮތުން ނިމިދޔަ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ ތެރެއިން ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތައް އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، ފެނަކައިގެ ޚިޔާނާތުގެ 161 މައްސަލައެއް ތަޙްޤީގުކުރަމުންދާކަން އޭސީސީން ވަނީ ހާމަކޮށްފައެވެ. އަދި ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، 4 އަހަރަށް ޖަލަށް ލުމަށް ހަފްތާތެރޭގައި ވަނީ ޙުކުމް ކޮށްފައެވެ.

މީގެ އިތުރުން ޙިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ އެމްޓީސީސީން ތަޙުޤީޤީ އިދާރާތަކަށް ހުށަހެޅުމާއި، މަހާޖައްރާފު މަރާމާތު ކުރުމުގައި އިހުމާލުވެފައިވާ މައްސަލަތަކެއް އޭސީސީއަށް ހުށަހެޅުން ހިމެނެއެވެ. އަދި ވެމްކޯގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ކަމާ ބެހޭ އިދާރާތަކަށް ވަނީ ހުށަހެޅާފައެވެ. ހަމައެއާއެކު އެޗްޑީސީގެ ބިމާއި، މުދަލާއި، ޚިދުމަތް ބޭނުންކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ވަނީ ތަހުޤީޤީ އިދާރާތަކަށް ހުށަހަޅާފައެވެ.