ތަޢުލީމު

އެމްއެންޔޫގެ 2 ފެކަލްޓީއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2 ފެކަލްޓީއަކުން އެކިދާއިރާތަކުން ޕީއެޗްޑީއަށް ކިޔެވުމުގެ 8 ފުރުޞަތެއް ހުޅުވާލައްވައިފިއެވެ. ޤައުމީ ޔުނިވަސިޓީން މިއަދު ފުރުޞަތު ހުޅުވާލެއްވީ، ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ޕީއެފްޑީއަށް ކިޔެވުމުގެ 2 ފުރުޞަތަކާ، ފެކަލްޓީ އޮފް އެޑިއުކޭޝަނުން ޕީއެޗްޑީއަށް ކިޔެވުމުގެ 6 ފުރުޞަތެކެވެ.



ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރެޖިސްޓްރަރ ސަޢުދުﷲ ޢަލީ ވިދާޅުވީ އަލަށް ހުޅުވާލެއްވި ޕީއެޗްޑީ ޕްރޮގްރާމްގެ މުއްދަތަކީ 3 އަހަރުކަމަށާ، މި ޕްރޮގްރާމްތަކަށް އެމްކިއުއޭ ލެވެލް 9ގެ ސަނަދެއް، ނުވަތަ އެމްކިއުއޭ ލެވެލް 7ގެ ސަނަދު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ކުރިމަތި ލެވޭނެކަމަށެވެ. މީގެ އިތުރުން އެޕްލިކޭޝަން ފޯމު ހުށައަޅަންޖެހެނީ އެއިޚްތިޔާރުކުރާ އޭރިޔާއަކުން ޕީއެޗްޑީ ތީސިސްގެ ސްޓޭޓްމެންޓް އޮފް އިންޓެންޓް ތައްޔާރުކޮށް، ޕްރިންސިޕަލް ސްޕަވައިޒަރެއް އިޚްތިޔާރު ކުރުމަށްފަހުކަމަށް ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތުދެއްވައެވެ. އެގޮތުން ޕްރިންސިޕަލް ސުޕަވައިޒަރުން އިޚްތިޔާރުކުރުމުގައި ޔުނިވަރސިޓީން އެހީތެރިކަން ދެއްވާނެކަމަށް އެމްއެންޔޫއިން މަޢުލޫމާތުދެއްވައެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޔުނިވަރސިޓީގެ ފެކަލްޓީއޮފް އެޑިއުކޭޝަންގެ ޑީން ޝާމިލާ ޢަބްދުﷲ ވިދާޅުވީ އެފަކަލްޓީން ޕީއެޗްޑީއަށް ހުޅުވާލާ 6 ޖާގައިގެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އެޑިއުކޭޝަން ޕްލޭނިންގ، އެޑިއުކޭޝަނަލް ލީޑަރޝިޕް، އެޑިއުކޭޝަނަލް ޕޮލިސީ، އިންސްޓްރަކްޝަނަލް ޑިޒައިން، ކަރިކިއުލަމް ޑިޒައިން އަދި ފެޑަގޮޖީކަމަށެވެ. ޝާމިލާ ވިދާޅުވީ 6 ދާއިރާއެއް ކަނޑައަޅާފައި އޮތްނަމަވެސް 2 ކުއްޖަކަށްވެސް އެއްދާއިރާއަކަށް ހުށައެޅިދާނެކަމަށެވެ.

"މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ކަނޑައަޅާފައި މިހިރަ ދާއިރާތަކަކީ އަޅުގަނޑުމެން ފާހަގަކުރާގޮތުގައި މިވަގުތަށް ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް މަތީފެންވަރުގެ ދިރާސާތައް ކުރުމަށް ވަރަށް މުހިންމު ދާއިރާތަކެއްކަން އަޅުގަނޑު ފާހަގަކުރަން. އަދި މިދާއިރާތައް މިގޮތަށް ކަނޑައެޅިފައިވާއިރު 6 ޖާގައަށް ކުރިމަތިލާ ކުދިން. މިއީ ކޮންމެހެން ހަޖާގައަށް ހަ ދާއިރާއެއްނޫން. އެއްދާއިރާއަކަށްވެސް ދެކުއްޖަކަށްވެސް ކުރިމަތިވެލިދާނެކަން އަޅުގަނޑު ފާހަގަކުރަން. އެއީ އެ ކުރިމަތިލާ ކުއްޖެއްގެ އިންޓަރެސްޓް ހުރިގޮތަކުން" ފެކަލްޓީއޮފް އެޑިއުކޭޝަންގެ ޑީން ޝާމިލާ ޢަބްދުﷲ ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި މަޢުލޫމާތުދެއްވަމުން ފެކަލްޓީއޮފް އާރޓްސްގެ ޑީން ޢަބްދުއްރަޝީދު ޢަލީ ވިދާޅުވީ ފެކަލްޓީއޮފް އާރޓްސްއިން ހުޅުވާލާ ޕީއެޗްޑީ ދެ ފުރުޞަތުގެ ހުޅުވާލާފައިވަނީ އެޕްލައިޑް ލިންގުއިސްޓިކް އިންކަމަށެވެ.

"މިޕްރޮގްރާމް މި ފަހަރު މިފަށަނީ އެޕްލައިޑް ލިންގްއިސްޓިކްގެ ރޮނގުން. އޭގެ ތެރޭގައި މި ހިމެނެނީ މާދަރީ ބަސް އަށަގަތުމާއި ކުއްޖާކިބައިގައި ތަރައްޤީވާގޮތް. ދެން ދެވަނަ ބަހެއް ދަސްކުރުމާއި ތަރައްޤީވުން. ދެން ދެބަސް ނުވަތަ ގިނަބަސް ބޭނުންކުރާ މުޖްތަމަޢެއްގައި ބަސްބޭނުންކުރާގޮތް، އެހެންގޮތަކަށް ދަންނަވާނަމަ ބައިލިންގުއަލިޒަމް. ބަހުގެ ސިޔާޞަތުތައް ކަނޑައަޅާ ރާވާ ހިންގުން. ބަހުގެ ފެންވަރުބެލުން. ލިއުންތެރިކަން އެނަލައިޒްކުރުން، ވާހަކަދެއްކުން އެނަލައިޒްކުރުން، މަލްޓި މޮޑަލް ޓެކްސްޓްސް އެނަލައިޒްކުރުން." ފެކަލްޓީއޮފް އާރޓްސްގެ ޑީން ޢަބްދުއްރަޝީދު ޢަލީ ވިދާޅުވިއެވެ.

މިދާއިރާތައް ހުއްޓަސް ޕިއެޗްޑީ ހަދާނީ އެ ދަރިވަރަކު ކަނޑައަޅާ މައުޟޫޢުތަކެއްގެ މައްޗަށްކަމަށާއި، މިފަހަރު މިދާއިރާތަކުން ކޮންމެ ބަހެއްގެ މައްޗަށްވެސް ތީސީސް ބިނާކުރެވޭނެކަމަށް ފެކަލްޓީ އޮފް އާރޓްސްއިން މަޢުލޫމާތުދެއްވައެވެ. ނަމަވެސް މިފަހަރު ތީސީސް ލިއުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ބަހުންކަމަށް ފެކަލްޓީ އޮފް އާރޓްސްއިން މަޢުލޫމާތުދެއްވައެވެ.

ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފު ވިދާޅުވީ ޕީއެޗްޑީ ޕްރޮގްރާމްތަކަށް ޕްރިންސިޕަލް ސުޕަވައިޒަރުންގެ ގޮތުގައި ތިއްބަވާނީ ޔުނިވަރސިޓީގެ ފުލްޓައިމް ސްޓާފުންގެ ތެރޭން އެދާއިރާއަކަށް ޚާއްޞަކުރެވިގެން ތިއްބަވާ ބޭފުޅުންކަމަށެވެ. މީގެ އިތުރުން ކޯ ސުޕަވައިޒަރުންގެ ގޮތުގައި ރާއްޖޭގެ އެދާއިރާއެއްގެ އެންމެ ފުންނާބުއުސް ބޭފުޅުންކަމާއި އަދި އިންޓަރނޭޝަނަލް ޕްރޮފެސަރުންވެސް ދަރިވަރުންނާއެކު މަސައްކަތްކުރައްވާނެކަމަށް ފަވާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ހުޅުވާލީ އަށްޖާގަ، ކޮންމެ ޖާގައެއްގައިވެސް އެންމެ މަދުވެގެން އިންޓަރނޭޝަނަލް އެއް ޕްރޮފެސަރ މަސައްކަތްކުރައްވާނެ، އަޅުގަނޑުމެންގެ ދަރިވަރުންނާއެކީގައި. މި ޕްރޮފެސަރުންނަކީ ހަމަ މިދާއިރާގައި އެކްޓިވް ރިސާޗް ސީދާ އެބޭފުޅެއްގެ ދާއިރާގައި ކުރައްވަމުން ގެންދަވާ ޕްރޮފެސަރުން... އަޅުގަނޑުމެންނާއެކު މަސައްކަތްކުރާނެކަމަށް މިހާރު މުޅިޖުމްލަ  19 ބޭފުޅަކު ވިދާޅުވެފައި އެބައޮވޭ. އެނާވަރަ ބޭފުޅުންގެ ތެރޭން އަޅުގަނޑުމެންނަށް ހުށައެޅޭ ސްޓޭޓްމެންޓް އޮފް އިންޓެންޓްއަކުން އަޅުގަނޑުމެން ބަލާނީ ކޮންބޭފުޅެއްގެ އެންމެ އިސްޓަރެސްޓް އޭރިއާއަކަށްތޯ ވެގެންދާނީ" ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފު ވިދާޅުވިއެވެ.

ޑރ.ފަވާޒު ވިދާޅުވީ މި ބޭފުޅުންގެ ތެރޭގައި އޮސްޓްރޭލިއާ، އިނގިރޭސި ވިލާތް، އެމެރިކާ އަދި ޓާރކީއާއި އިންޑިޔާފަދަ ޤައުމުތަކުގެ ޕްރޮފެސަރުން ހިމެނޭކަމަށެވެ. ޤައުމީ ޔުނިވަރސިޓީގައި މިހާރުވެސް ޕީއެޗްޑީ އަށް ކިޔަވައިދެމުންދާއިރު ޤައުމީ ޔުނިވަރސިޓީގެ ފުރަތަމަ ޕީއެޗްޑީ ދަރިވަރުން އަންނަ އަހަރުގެ ތެރޭގައި ގުރެޖުއޭޓް ވެގެންދާނެކަމަށް ޤައުމީ ޔުނިވަރސިޓީން މައުލޫމާތުދެއްވައެވެ.