ކުޅިވަރު

ޖަރުމަނު ބަލިކޮށް ބްރެޒިލް ރަން މެޑަލް ހޯދައިފި


ޕެނަލްޓީގައި ޖަރމަނީ ބަލިކޮށް ފުރަތަމަ ފަރަހަށް ބްރެޒިލް އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގެ ރަން މެޑަލް ހޯދައިފިއެވެ. 

ރޭ ކުޅެވުނު ފައިނަލް މެޗް ބްރެޒިލް ކާމިޔާބުކޮށްފައިވަނީ މެޗްގެ އިތުރު ވަގުތު ހަމަވީއިރު އެއް ލަނޑު އެއް ލަނޑުން ދެ ޓީމް އެއްވަރުވެ، ކުޅުނު އިތުރު ވަގުތުގައިވެސް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 5 ލަނޑު 4 ލަނޑުން ކުރި ހޯދައިގެންނެވެ. މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑްނަގާ ކުރި ހޯދީ ބްރެޒިލްއެވެ. މިލަނޑު ލިބުނު ހިލޭ ޖެހުމަކުން ބްރެޒިލްއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ނޭމާއެވެ. 

މެޗްގެ ފުރަތަމަ ހާފްގައި ނޭމާ ކާމިޔާބުކުރި ލަނޑު ބްރެޒިލް މެޗް ލީޑް ކުރަމުންދަނިކޮށް، ޖާމަނީއިން ނަތީޖާ ހަމަހަމަކުރީ މެޗްގެ ދެވަނަ ހާފްގައެވެ. މިލަނޑު ޖަރމަނީއަށް ކާމިޔާބުކޮށްދިނީ މެކްސް މޭޔާރއެވެ. މެޗްގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތެއްވެސް އުފައްދާފައިވަނީ ބްރެޒިލްއިން ކަން ފާހަގަކޮށްލެވެއެވެ. ބްރެޒިލްއިން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައިވާއިރު، ޖަރމަނީގެ އެންމެ ފަހު ޕެނަލްޓީ ބްރެޒިލްގެ ކީޕަރުވަނީ ދިފާޢުކޮށްފައެވެ. މަރަކަނާގެ 78،000 ސަޕޯޓަރުންގެ ކުރި މަތީގައި ބްރެޒިލްއިން ރަން މެޑަލް ކާމިޔާބުކޮށްފައިވާއިރު، އެޓީމްވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތީން  އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅައިގެ ފައިނަލްގައި ކުޅެ ރިހި މެޑަލްއިން ނިންމާލަން ޖެހިފައެވެ. 

މިމެޗްގެ ވެގެންގޮސްފައިވަނީ ނިމިގެދިޔަ ވޯލްޑްކަޕްގައި ޖަރމަނީ އަތުން ބްރެޒިލް 7 ލަނޑު 1 ލަނޑުން ބަލިވި މެޗަށް، ހިފުނު ރަނގަޅު ބަދަލަކަށެވެ.

 އޮލިންޕިކްސް ފިރިހެން ފުޓްބޯޅައިގެ ތިންވަނަ ނައިޖީރިއާރ ހޯދާފައިވާއިރު، މިއީ މިގޭމްސްގައި ނައިޖީރިއާ ހޯދި ފުރަތަމަ މެޑަލްކަން ފާހަގަކޮށްލެވެއެވެ. މިމެޗް ނައިޖީރިއާރ ކާމިޔާބުކޮށްފައިވަނީ ހޮންޑިއުރާސްއާ ވާދަކޮށް 3 ލަނޑު 2 ލަނޑުންނެވެ.