ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ޣައްޒާ ސިޓީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ސީޓީން ނިކުންނަ މީހުންނަށް އަލުން އަނބުރާ ނާދެވޭނޭހެން އެ ސިޓީއަށް ދެވޭ މައި މަގުތައް ޔަހޫދީން ބަންދުކޮށްފިއެވެ.
ޣައްޒާ ސިޓީގައި ޣައްޒާގެ މިލިޔަނަކަށްވުރެ ގިނަ މީހުން ދިޔައީ ދިރިއުޅެމުންނެވެ. ފާއިތުވި ހަފްތާތަކުގައި ޔަހޫދީން ދަނީ އެ ސިޓީ ހުސްކޮށް ރައްޔިތުން ދެކުނުގެ ސަރަޙައްދުތަކަށް ދިޔުމަށް އަންގައިފައެވެ. އެ ސިޓީއަށް ދެވޭ މައި މަގުތަކުގައި ޓޭންކަރުތައް ބޭނުންކޮށްގެން ހުރަސްތައް މިހާރު ޤާއިމްކޮށްފައިވާއިރު، ކާބޯތަކެތި ހޯދުމަށް ނުވަތަ ވަގުތީ ބޯހިޔާވަހިކަން ހޯދުމަށް އެ ސަރަޙައްދު ދޫކޮށްފައިވާ މީހުންނަށް ވެސް ދެން ޣައްޒާ ސިޓީއަކަށް ނުވަދެވޭނެއެވެ. ނިރުބަވެރި ޔަހޫދީން ވަނީ މިއީ ޣައްޒާ ސިޓީގައި ތިބި މީހުން ދެކުނުގެ ސަރަޙައްދުތަކަށް ދިޔުމަށް ދޭ ފަހު ފުރުޞަތު ކަމަށް ބުނެފައެވެ.
އދން ލަފާކުރާ ގޮތުގައި ފާއިތުވި ހަފްތާތަކުގެ ތެރޭގައި ޣައްޒާ ސިޓީއަށް ޔަހޫދީ ސިފައިން އެއްގަމު މަގުން އަރަން ފެށުމާއެކު 400،000އެއްގާ މީހުން ޣައްޒާ ސިޓީ ދޫކޮށް ގޮސްފައިވެއެވެ. ނަމަވެސް އަދިވެސް ހަ ލައްކަ ނުވަތަ ހަތް ލައްކައެއްހާ މީހުން ޣައްޒާ ސިޓީގައި ތިބި ކަމާށް ބެލެވެއެވެ. ޣައްޒާ ސިޓީއަށް އަލުން އަނބުރާ ނާދެވޭ ގޮތަށް މަގުތައް ބަންދުކޮށްފައިވާއިރު، އެ ސިޓީގައި ތިބި މީހުން ބުނަމުންދަނީ އެގޮތަށް ކަންތައް ކުރުމުން އެ ސިޓީ ދޫކޮށް ނުގޮސް މަޑުކުރުމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.
ޣައްޒާ ސިޓީގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ ހާނީ ބުނީ ޣައްޒާ ސިޓީ ދޫކޮށް ދިޔުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ޙަމަލާތައް ކުރިމަތިވަމުން ދިޔަ ނަމަވެސް ޣައްޒާ ސިޓީ ދޫކޮށް ގޮސްފި ނަމަ ދެން އެ ސަހަރު ދުވަހަކުވެސް ނުފެންނާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އޭނާ ބުންޏެވެ.
މި ޙާލަތުގައި ޔަހޫދީން ދަނީ ޣައްޒާ ސިޓީ ހިމެނޭހެން މުޅި ޣައްޒާއަށް ވަރުގަދަ ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް 77 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި ޔަހޫދީން ރައްކާތެރި ކަމަށް ބުނަމުންދާ އަލް-މަވާސީ ސަރަޙައްދުން ޝަހީދުވެފައިވާ ނުވަ މީހުން ވެސް ހިމެނެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޔަހޫދީންގެ ޙަމަލާތައް ވަރުގަދަކުރަމުންދާތީ ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. ޞިއްޙީ ފަރުވާ ދެމުންދިޔަ ހަތަރު މަރުކަޒެއް ޚިދުމަތް ނުދީ ބަންދުކުރަން މަޖުބޫރުވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ޣައްޒާގެ މައި ހަސްފަތާލު ކަމަށްވާ އައްޝިފާ ހަސްފަތާލުގެ ޑޮކްޓަރުންނަށް ވެސް ފަރުވާ ދިނުމުގައި އިތުރު ދަތިތައް ދަނީ ކުރިމަތިވަމުންނެވެ. ހަސްފަތާލު ހުންނަ ސަރަޙައްދަށް ދެމުންދާ ޙަމަލާތައް ވަރުގަދަ ކުރަމުންދާތީ އެ ހަސްފަތާލު ވެސް ކުރިއަށްއޮތް ދުވަސްތަކުގައި ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އައްޝިފާ ހަސްފަތާލަށް ޚިދުމަތް ނުދެވޭ ނަމަ އެއީ އެތައް ބައެއްގެ މަރު ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 66،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.