އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީގެ ފެންވަރުގައި ބާސެލޯނާ ކުޅެން ބޭނުންވާނަމަ މޮޅަށް ޑިފެންސް ކުރަންޖެހޭ ކަމަށް ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.
އޭނާ މިހެން ބުނީ މި ފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ކުޅުނު މެޗު ފަހު ވަގުތު 2-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކާމިޔާބުކުރުމުންނެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ޑިފެންސް ލައިން ފެނުނީ ކުރިއަރާފައި ފަހަތަށް ފޭބުމުގައި ލަސްކޮށް އުޅުނު ތަނެވެ. ޕީއެސްޖީ މޮޅުވި ގޯލު ޖެހީ ޑިފެންސް ކުރިއަށް ޖެހުނު ވަގުތު ޕީއެސްޖީގް އަޝްރަފް ހަކީމީ ބާރު ސްޕީޑުގައި ކުރިއަށް އަރައި ހުރަސްކުރި ވަގުތު ބާސެލޯނާގެ ޑިފެންޑަރުންނަށް އޭނާ އަތު ނުވެގެންނެވެ.
"އަހަރުމެން އެބަޖެހޭ ރަނގަޅަށް ޑިފެންސް ކުރަން. މި މެޗުގައި އަހަރުމެން ފެނުނީ ވަރަށް ދަށްކޮށް އެކަން ކުރިތަން. މޮޅުވާން ކުޅޭއިރު މޮޅު ޓީމު ޑިފެންސް ކުރަންޖެހޭނެ. މުޅި ޓީމު އެޓޭކް ކުރަން ޖެހޭނެ،" ކޯޗު ބުންޏެވެ.
ޖަރުމަނުގެ ގައުމީ ޓީމާއި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ބުނީ ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭގެ ކޯޗުކަމުގައި ޕީއެސްޖީ ފެންނަނީ ވަރަށް މޮޅު ޓީމެއްގެ ގޮތުގައި ކަމަށެވެ.
"އެ މީހުން ވަރަށް އޮގަނައިޒް. ވަރަށް މޮޅަށް ކުޅެނީ. ވަރަށް ހަލުވި. ރަނގަޅަށް ޑިފެންސް ކުރޭ. މިހެންވީމާ އެ މީހުންގެ ލެވެލްގައި ކުޅެން އަހަރުމެން ރަނގަޅަށް ޑިފެންސް ކުރަންޖެހޭ. އެކަން ރަނގަޅު ކޮށްފިނަމަ އެ މީހުންނާއި އަހަރުމެން އެއް ހަމަވާނެ،" ފްލިކް ބުންޏެވެ.
ހުސްވި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ބާސެލޯނާ ކެޓީ ވެސް ރަނގަޅަށް ޑިފެންސް ނުކުރެވިގެންނެވެ. އިޓަލީގެ އިންޓަމިލާން ބާސެލޯނާ ބަލިކޮށްލީ ދެ ފަހަރު މަތިން ލިބުނ ލީޑް ނުހިފެހެއްޓުމުންނެވެ.