ޚަބަރު

ޞުމޫދު ފްލޮޓިއްލާއިން ދަތުރުކުރި އެންމެން ހައްޔަރުކޮށް ވިލާތުގެ އެކި ޤައުމުތަކަށް ފޮނުވާލަނީ


ޣައްޒާގެ ޙިޞާރު ފޫއަޅުވައިލަން މަސައްކަތްކުރި ގްލޯބަލް ޞުމޫދު ފްލޮޓިއްލާ (ޖީއެސްއެފް)ގެ އުޅަނދުތަކަށް ޔަހޫދީން އަރައިގަނެ، އުޅަނދުތަކުގައި ތިބި އެކްޓިވިސްޓުން ގަދަބާރުން ހައްޔަރުކޮށް، ވިލާތުގެ އެކި ޤައުމުތަކަށް ފޮނުވައިލުމަށް ނިންމައިފިއެވެ.

ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންދާއިރު، ޖީއެސްއެފުން މަސައްކަތް ކޮށްފައި ވަނީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. ޖީއެސްއެފްގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރި މީހުންގެ ތެރޭގައި 44 ޤައުމަކަށް ނިޞްަބަތްވާ 500އަށްވުރެ ގިނަ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބެރީ ވެސް ހިމެނެއެވެ.

ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ދަތުރު ފެށި ފްލޮޓިއްލާ ޣައްޒާއާ ކައިރި ހިސާބަކަށް ފޯރާފައި ވަނީ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ނުރައްކާ ޒޯނަށް އުޅަނދުތައް ވަނުމާއެކު ޔަހޫދީ މަނަވަރުތައް ވަނީ އެ އުޅަނދުތައް ވަށާލައިފައެވެ. އަދި ހަތިޔާރުއެޅި ޔަހޫދީ ސިފައިން ވަނީ އުޅަދުތަކަށް އަރައިގަނެފައެވެ. ޔަހޫދީ ސިފައިން ވަނީ އުޅަނދުތަކުގައި ތިބި މީހުންގެ ނުގަބޫލުގައި ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ މީހުން މިހާރު ތިބީ ޔަހޫދީ ދައުލަތުގައެވެ. ބޯޓުތަކުގައި ތިބި އެކްޓިވިސްޓުން ވިލާތަށް ފޮނުވާލާނެ ކަމަށް ޔަހޫދީން ބުނެފައިވާއިރު، އެ މީހުން ފޮނުވާލަނީ ކޮން ޤައުމުތަކަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ފްލޮޓިއްލާގައި ހިމެނޭ ހުރިހާ ބޯޓެއްހެން ނިރުބަވެރި ޔަހޫދީން ހުރަސްއަޅައި ހުއްޓުވާފައިވާއިރު، ތަންކޮޅެއް ފަހަތުގައި އޮތް ބޯޓެއް މިހާތަނަށް ހުއްޓުވާފައެއް ނުވެއެވެ. ފްލޮޓިއްލާގެ ދަތުރު އިންތިޒާމް ކުރި ފަރާތުން ވަނީ ބޯޓުތަކަށް ހުރަސްއެޅުމަކީ ޤާނޫނީ ކުށެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ޔަހޫދީންގެ ޢަމަލުތައް ކުށްވެރިކޮށް ބައިނަލްއަޤްވާމީ ދުނިޔެއިން ދަނީ އަޑުއުފުލަމުންނެވެ.