ކުޅިވަރު

ފަލަސްތީން މައްސަލާގައި ފީފާގެ ރައީސް: ފުޓްބޯޅައިން ސަރަހައްދީ އަރައިރުންތައް ހައްލު ނުކުރެވޭނެ


ފަލަސްތީނުގެ އައްޒާ އަށް މެދުނުކެނޑި އިޒްރޭލުން ދެމުންދާ ހަމަލަތާކާ ގުޅިގެން އެ ގައުމު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކުރުމަށް ފީފާ އަށް ގޮވާލުމުން އެފަދަ ސަރަހައްދީ އަރައިރުންތައް އެ ޖަމާއަތަށް ހައްލު ނުކުރެވޭނެ ކަމަށް ބުނެފި އެވެ.

ކައުންސިލްގެ ބައްދަލުވުމަށް ފަހު ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ރައީސް ޖިއާނީ އިންފަންޓީނޯ މިފަދައިން ވިދާޅުވީ ފަލަސްތީނުގެ މައްސަލާގައި އެ ޖަމާއަތަށް ކުރިމަތިވެފައިވާ ފިއްތުންތަކަށް ޖަވާބު ދެއްވަމުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ފީފާ އަށް ބާރުއަޅަމުންދިޔައީ އައްޒާ އަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް ފުޓްބޯޅައިގައި ވާދަ ކުރުމުގެ ފުރުސަތު މެދުކަނޑާލުމަށެވެ.

ނަމަވެސް އިންފަންޓީނޯގެ ބަޔާނުގައި ފުޓްބޯޅައިން ޕްރޮމޯޓް ކޮށްދޭނީ ހަމަޖެހުމާއި، އެކުވެރިކަމާއި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ކަމަށެވެ.

"ފީފާއިން ފުޓްބޯޅައިގެ ބާރު ބޭނުން ކުރާނީ ބައިބައިވެފައިވާ ދުނިޔޭގެ އެންމެން އެކަތިގަނޑަކަށް ހެދުމަށް. އަހަރުމެންގެ ވިސްނުން ހުރީ މިދުނިޔޭގައި އެކިކަންކަމުގައި ދަތިކަން ތަހައްމަލް ކުރަމުންދާ އެންމެނާއެކީގައި. ފުޓްބޯޅަ އިން ދުނިޔެ އަށް ދެވޭނެ އެންމެ މުހިންމު މެސެޖަކީ ސުލްހަވެރިކަމާއި އެކުވެރިކަމުގެ މުހިންމުކަން،" އިންފަންޓީނޯގެ ބަޔާނުގައިވެ އެވެ.

"ފީފާ އަކަށް އެކިއެކި ސަރަހައްދީ އަރައިރުންތައް ހައްލެއް ނުކުރެވޭނެ. އެކަމަކު ފުޓްބޯޅަ މެދުވެރިކޮށް އަހަރުމެންނަށް އެކުވެރިކަމުގެ މުހިންމު ކަމާއި ތައުލީމާއި، ސަގާފަތާއި އިންސާނީ ހައްގުތަކުގެ މުހިންމުކަން ޕްރޮމޯޓް ކުރެވިދާނެ،" އިންފަންޓީނޯގެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

ފީފާއިން ވަނީ ޔުކްރޭނަށް ހަމަލާދިނުމާ ގުޅިގެން ރަޝިޔާ 2022 ވަނަ އަހަރުން ފެށިގެން ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. ނަމަވެސް އިޒްރޭލުން ފަލަސްތީނަށް ހުއްޓުމެއްނެތި ހަމަލާދީ ސުންނާފަތި ކުރަމުންދާއިރު އިޒްރޭލުގެ އެންމެ ބޮޑު ބައިވެރިއަކީ އެމެރިކާ އެވެ. އިންފަންޓީނޯ މިހާރު އެންމެ ގާތުން މަސައްކަތް ކުރައްވާ ފަރާތަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެއީ އެމެރިކާގައި އަންނަ އަހަރު ވޯލްޑް ކަޕް ބާއްވަން ޖެހޭތީ އެވެ. މި ގޮތުން ޓްރަމްޕް ރުއްސުމަށްޓަކައި ފީފާއިން ވަނީ ވޯލްޑް ކަޕަށް އަމާޒުކޮށް އޭނާގެ ޓްރަމްޕް ޓަވަރުގައި ވެސް ފީފާގެ ހާއްސަ އޮފީހެއް ހުޅުވައިފަ އެވެ.