ޚަބަރު

ޞުމޫދް ފްލޮޓިއްލާއަށް ޔަހޫދީން ހުރަސް އެޅުމުން ދުނިޔޭގެ ނުރުހުން


ފަލަސްޠީނުގެ ޣައްޒާގެ ހިސާރު ފޫއަޅުވައިލައި، އެ ސަހަރުގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރު ކުރަމުންދާ 'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ'ގެ ނަންދީފައިވާ ހަރަކާތުގެ ބައެއް އުޅަނދުތަކަށް ނިރުބަވެރި ޔަހޫދީ ސިފައިން އަރައި، އެ އުޅަނދުތަކުގެ ދަތުރަށް ހުރަސް އެޅުމާ ގުޅިގެން ޔަހޫދީންނަށް ދުނިޔޭގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ. 40ވަރަކަށް އުޅަނދު ހިމެނޭ ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާއަށް ދަތުރު ފަށާފައި ވަނީ މި ހިނގާ ސެޕްޓެންބަރު މަހުގެ ކުރީކޮޅެވެ.

ފްލޮޓިއްލާގެ ދަތުރު އިންތިޒާމު ކުރާ ފަރާތުން ބުނީ، އެ ފްލޮޓިއްލާގައި ހިމެނޭ 13 އުޅަނދަކަށް ޔަހޫދީ ސިފައިން އަރައިގަނެ، ހުއްޓުވާފައިވާ ކަމުގައެވެ. އަދި، އިތުރު 30 އުޅަނދު މިހާރު ވެސް ޣައްޒާއަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެ ފަރާތުން ބުންޏެވެ.

ޔަހޫދީ ސިފައިން ފްލޮޓިއްލާގެ ބައެއް އުޅަނދުފަހަރަށް އަރައި، އެ އުޅަނދުތަކުގައި ދަތުރު ކުރަމުން ދިޔަ އެކްޓިވިސްޓުން ހައްޔަރު ކޮށްފައިވާ ކަން ޒަޔަނިސްޓުންގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ވުޒާރާއިން ވަނީ، ހަތިޔާރު އެޅި ޔަހޫދީ ސިފައިންގެ ބެލުމުގެ ދަށަށް އެކްޓިވިސްޓުން ގެންގޮސްފައި ތިބި މަންޒަރު ދައްކުވައިދޭ ވީޑިޔޯއެއް ޢާންމު ކޮށްފައެވެ. ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ހިމެނެއެވެ.

ކޮލަމްބިޔާއިން ޔަހޫދީ ޚާރިޖިއްޔާގެ މުވައްޒަފުން ބޭރު ކުރުން

ޞުމޫދް ފްލޮޮޓިއްލާގެ ހަރަކާތުގައި ބައިވެރިވާ އެކްޓިވިސްޓުންގެ އަދަދު 500އަށް އަރާއިރު، އޭގެ ތެރޭގައި ބައެއް ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، ޤާނޫނީ ވަކީލުން ވެސް ހިމެނެއެވެ. އެ މީހުން ވެސް ވަނީ، ޔަހޫދީ ސިފައިން ހަތިޔާރާ އެޅި އުޅަނދުތަކަށް އަރައިގަންނަ މަންޒަރުތައް ފެންނަ ވީޑީޔޯތަކެއް ޢާންމު ކޮށްފައެވެ. ޔަހޫދީ ސިފައިންގެ ބެލުމުގެ އެ މީހުން ގެންދިޔުމަކީ ޣައިރުޤާނޫނީ ކުށެއްގެ ގޮތުގައި އެ މީހުން ސިފަ ކުރިއެވެ.

ފްލޮޓިއްލާގެ އުޅަނދަކަށް ޑްރޯނެއް ފަދަ ހަތިޔާރެއް ބޭނުން ކޮށްގެން ޙަމަލާއެއް ދިނުމާ ގުޅިގެން، އެ އުޅަނދުތަކާއި އޭގައި ތިބި އެކްޓިވިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ބައެއް ޤައުމުތަކުން ވަނީ މަސައްކަތް ފަށާފައެވެ. މި ގޮތުން، އިޓަލީވިލާތާއި ސްޕެއިނުން އަސްކަރީ މަނަވަރެއް ފޮނުވާފައިވާއިރު، ގްރީސުން ވަނީ ކޯސްޓްގާޑުގެ އުޅަނދެއް ފޮނުވާފައެވެ. އަދި، ތުރުކީވިލާތުން ވަނީ ތިން އަސްކަރީ ޑްރޯން ފޮނުވާފައެވެ.

ފްލޮޓިއްލާގެ އުޅަނދުތަކަށް ޔަހޫދީ ސިފައިން އަރައި، އަނިޔާވެރިކަމާ އެކު އޭގައި ތިބި އެކްޓިވިސްޓުން ހައްޔަރު ކުރުމާ އެކު ޔަހޫދީންނަށް ވަނީ ދުނިޔޭގެ ނުރުހުމާއި މަލާމާތާ ކުރިމަތިލާން ޖެހިފައެވެ. ތުރުކީވިލާތުން ބުނީ، ފްލޮޓިއްލާގެ އުޅަނދުފަހަރަށް އަރައި ޔަހޫދީ ސިފައިން ހިންގާފައި ވަނީ ނިރުބަވެރި ކަމުގެ ކުށެއް ކަމުގައެވެ. ޔަހޫދީންގެ ނޭއްދާރު އަމަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން ކޮލަމްބިޔާގެ ސަރުކާރުން ވަނީ އެ ޤައުމުގައި ތިބި ޔަހޫދީންގެ ޚާރިޖިއްޔާގެ މުވައްޒަފުން އެ ޤައުމުން ފޭބުމަށް އަމުރު ކޮށްފައެވެ.

ދުނިޔޭގެ ނުރުހުން، ޔަހޫދީންނާ ދެކޮޅަށް އަޑުއުފުލުން، އަދި ހަޅުތާލު

ޔަހޫދީ ސިފައިން ވަނީ ފްލޮޓިއްލާގައި ދަތުރު ކުރަމުން ދިޔަ ކޮލަމްބިޔާގެ ދެ ރައްޔިތަކު ހައްޔަރު ކޮށްފައެވެ. މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވަމުން، ކޮލަމްބިޔާގެ ރައީސް ގުސްތާވޯ ޕެތުރޯ ވިދާޅުވީ ޔަހޫދީން އައު ވައްތަރެއްގެ ބައިނަލްއަޤްވާމީ ކުށަކަށް އަރައިގަނެފައިވާ ކަމުގައެވެ. އަދި، ޒަޔަނިސްޓުންނާއި ކޮލަމްބިޔާއާ އެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވައިލާފައިވާ ކަން ވެސް އޭނާ އިޢުލާނު ކުރެއްވިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، ފްލޮޓިއްލާއިން ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ ތެރޭގައި މެލޭޝިޔާގެ އަށް ރައްޔިތުން ހިމެނޭ ކަމުގައެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ އިތުރުން ދުނިޔޭގެ ޟަމީރަށް ވެސް ޔަހޫދީން އަރައިގަނެފައިވާ ކަމުގައި އަންވަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފްލޮޓިއްލާގެ މަޤްޞަދަށް ވަކާލާތު ކުރުމުގެ ގޮތުން އިޓަލީވިލާތާއި ކޮލަމްބިޔާގައި ވަނީ ހަޅުތާލުތަކެއް ވެސް ފަށާފައެވެ. އިޓަލީވިލާތުގައި ފަށާފައިވާ ހަޅުތާލުތައް އިންތިޒާމު ކުރަނީ، އެ ޤައުމުގެ މަސައްކަތްތެރިންގެ ޔޫނިއަންތަކުންނެވެ. އެ ޔޫނިއަންތަކުން ބުނީ، ހަޅުތާލު ކުރުމަށް ނިންމާފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކޮށްދިނުމަށާާއި، އެހީގެ ފްލޮޓިއްލާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމުގައެވެ.