ޚަބަރު

ޔަހޫދީ މަނަވަރުތައް ޞުމޫދު ފްލޮޓިއްލާއަށް ކަނޑުމަތިން ހުރަސްއަޅައިފި، ބޯޓުތަކާ މުވާޞަލާތީ ގުޅުން ވަނީ ކެނޑިފައި


ޣައްޒާގެ ޙިޞާރު ފޫއަޅުވައިލަން މަސައްކަތްކުރަމުންދާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާ (ޖީއެސްއެފް)ގެ އުޅަނދުތަކަށް ކަނޑުމަތިން ހުރަސްއަޅައިފިއެވެ.

ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންދާ ޔަހޫދީން، ފްލޮޓިއްލާއަށް ހުރަސްއަޅާފައި ވަނީ އެ އުޅަނދުތައް ޣައްޒާއާ 80 ނޯޓިކަލް މޭލަށް ކައިރިވެފައި ވަނިކޮށް، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުންނެވެ. ޔަހޫދީންގެ ވިއްސަށް ވުރެ ގިނަ މަނަވަރު އެ ސަރަޙައްދުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. ފްލޮޓިއްލާއާ މުވާޞަލާތީ ގުޅުން އެއްކޮށް ކެނޑިފައިވާ ކަމަށް ދަތުރު އިންތިޒާމް ކުރާ ފަރާތްތަކުން ބުނެއެވެ. އެނގިފައިވާ ގޮތުގައި ޔަހޫދީ ސިފައިން ދަނީ އުޅަނދުތަކަށް އަރައި މީހުން ހައްޔަރު ކުރަމުންނެވެ.

ޖީއެސްއެފުން މަސައްކަތް ކުރަމުންދަނީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. ޖީއެސްއެފްގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި 44 ޤައުމަކަށް ނިޞްަބަތްވާ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ހިމެނެއެވެ. ޔަހޫދީންގެ ޙަމަލާއެއް ކުރިމަތިނުވާ ނަމަ ބުރާސްފަތި ދުވަހު ޣައްޒާއާ ހަމައަށް އުޅަނދުތައް ފޯރާނެ ކަމަށް ޖީއެސްއެފުން ކުރިން ވަނީ ބުނެފައެވެ.

ޞުމޫދު ފްލޮޓިއްލާއިން ޣައްޒާއަށް ފޯރުން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ޔަހޫދީން މީގެ ކުރިން ވަނީ ދީފައެވެ. އެ ފްލޮޓިއްލާގެ ބައެއް އުޅަނދުތައް ވަށާލައި ބިރުދެއްކުމުގެ ޢަމަލުތަކެއް ވެސް މީގެ ގަޑިއިރުތަކެއް ކުރިން ހިންގާފައިވެއެވެ. ފާއިތުވި ދުވަސްތަކުގައި ފްލޮޓިއްލާގެ އުޅަނދަކަށް ޑްރޯން ޙަމަލާއެއް ވެސް އަމާޒުވެފައިވެއެވެ. ފްލޮޓިއްލާއިން ބުނަމުން ދަނީ އެހީގެ ސާމާނު ހިފައިގެެން ދަތުރުކުރާ އުޅަނދެއް ހުއްޓުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.

ފްލޮޓިއްލާއިން ޣައްޒާއަށް ދަތުރުކުރަމުންދިޔަ އިރު އިޓަލީވިލާތާއި ސްޕެއިނުން ވަނީ ފްލޮޓިއްލާއަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިދާނެ ޙާލަތެއް ކުރިމަތިވެދާނެ ކަމަށް އެ އުޅަނދުތަކަށް އެހީވުމަށް މަނަވަރު ފޮނުވައިފައެވެ. ނަމަވެސް ރައްކާތެރިކަމަށްޓަކައި ޣައްޒާއާ 150 ނޯޓިކަލް މޭލު ބޭރުން އެ މަނަވަރުތައް ވަނީ ފްލޮޓިއްލާއާއެކު ދަތުރުކުރުން ހުއްޓާލައިފައެވެ.

މީގެ ކުރިން ޣައްޒާގެ ހިސާރު ފޫއަޅުވައިލުމަށް ހިންގާފައިވާ މި ފަދަ ހަރަކާތްތަކަށް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅައިފައެވެ. އެ އުޅަނދުތަކަށް ކާމިޔާބުކަމާއެކު ޣައްޒާއާ ހަމައަށް ދަތުރުކުރެވިފައެއް ނުވެއެވެ.