ޚަބަރު

ކްލެސިކް: އެޗްޕީއެސްއެން އާއި ބިނާރާ ފައިނަލަށް


ކްލަބް މޯލްޑިވްސް 2025 ގެ ކްލެސިކް މުބާރާތުގެ ފައިނަލުން ހައުސް ފޯ ޕީޕަލް ވިތު ސްޕެޝަލް ނީޑްސް (އެޗްޕީއެސްއެން) އާއި ކުލަބު ބިނާރާ ޖާގަ ހޯދައިފިއެވެ.

އެޗްޕީއެސްއެން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މާލެ ސިޓީ ކައުންސިލް (ޓީމު އެމްސީސީ) 5-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ސެމީ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެމްސީސީ އިންނެވެ. މި ލަނޑު ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މުސްއަބެވެ.

ދެވަނަ ހާފުގައި ކުޅެން ނިކުމެ އެޗްޕީއެސްއެންއިން ވަނީ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ހަތަރު ލަނޑު ޖަހާ މެޗުގެ އޮއިވަރު އެއްކޮށް އަނބުރާލާފައެވެ. މިގޮތުން މެޗުގައި އެޗްޕީއެސްއެންއިން ކާމިޔާބުކުރި ފުރަތަމަ ދެ ލަނޑު ޖަހައިދިނީ މުޙައްމަދު ޞަލާޙެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ ރިލްވާން އާއި އިޝާންއެވެ.

އެޗްޕީއެސްއެންއިން ތިން ލަނޑުގެ ލީޑެއް ނެގިތާ މާގިނަ އިރުތަކެއް ނުވަނީސް އެމްސީސީން ވަނީ 30 ސިކުންތުގެ ތެރޭ ދެ ލަނޑު ޖަހައި ފަރަގު އެންމެ ލަނޑަކަށް ކުޑަކޮށްފައެވެ. އަދި އެމްސީސީން ވަނީ މިމެޗުގައި ނަތީޖާ އަލުން އެއްވަރުކުރަން ގިނަ މަސައްކަތްތަކެއް ކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

އެމްސީސީ ކުރިއަށްޖެހިގެން ގޯލެއް ޖަހަން މަސައްކަތްކުރަމުންދިޔަ ދަނޑިވަޅުގެ ފައިދާ ނަގައި އެޗްޕީއެސްއެންއިން ވަނީ މެޗުގެ ފަހު ވަގުތު އިތުރު ލަނޑެއް ޖަހައި ފަރަގު ދެ ލަނޑަށް އިތުރުކޮށްފައެވެ. މި ލަނޑު ޖަހައިދީ މެޗުގައި ހެޓްރިކް ފުރިހަމަކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ޞަލާޙެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓާ ދެކޮލަށް ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗު ކުލަބު ބިނާރާއިން ކާމިޔާބުކުރީ 9-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލީޑު ނަގައި ކުރި ހޯދީވެސް ބިނާރާއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނައްސާޙް އިބްރާހީމް ނާސިރެވެ. އެކަމަކު ޝާއިފް އާއި ޔައިޝް ގާތް ގާތުގައި ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ކްރިމިނަލް ކޯޓުން ވަނީ ފަހަތުން އަރައި މެޗުގެ ލީޑު ނަގާފައެވެ. ނަމަވެސް ލީޑުގައި މާ ގިނަ ވަގުތު ކުޅެލުމުގެ ފުރުސަތު ކްރިމިނަލް ކޯޓަކަށް ނުލިބެއެވެ. އެއީ ބިނާރާގެ މުޙައްމަދު އަނޫފް ނާޝިދު ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަކޮށްލުމުންނެވެ.

މި މެޗުގެ ފުރަތަމަ ހާފްގެ ކުޅުން 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނުއިރު، މެޗުގެ ދެވަނަ ހާފު ފަށައިގެން ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ބިނާރާއިން ވަނީ ލަނޑު ޖަހައި މެޗުގައި އަލުން ލީޑު ނަގާފައެވެ. މި ދެ ލަނޑު ޖަހައިދިނީ އަނޫފް އާއި އަލީ އިރުފާދެވެ.

ދެ ލަނޑުގެ ލީޑު ނެގިތާ ދެ މިނެޓު ފަހުން ބިނާރާގެ އިރުފާދު ވަނީ އޭނާގެ ދެވަނަ ލަނޑު މެޗުގައި ކާމިޔާބުކޮށް، ލީޑު ތިން ލަނޑަށް ފުޅާކޮށްދީފައެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ޖެހި ތިން ލަނޑާއެކު ބިނާރާ ވަނީ މެޗުގައި ހަމަޖެހިލާފައެވެ.

ބިނާރާއިން ވަނީ މެޗުގެ ފަހު ތިން މިނެޓުގެ ތެރޭގައި އިތުރު ހަތަރު ލަނޑު ޖަހައި، މެޗުގެ ފަރަގު ބޮޑުކޮށްލާފައެވެ.

ބިނާރާ ޓީމުން މެޗުގެ ފަހުކޮޅު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ވިޝާލް ޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، އަނޫފް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ހަތްވަނަ ލަނޑު ޖަހައިދީފައެވެ. އަދި އަށްވަނަ ލަނޑު ޖަހައިދިނީ ޓީމުގެ ކެޕްޓަން ހުމެއިދު ޢަބްދުﷲ އެވެ. ޓީމުގެ ނުވަވަނަ ލަނޑު ލިބުނު ދުރު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީވެސް ވިޝާލްއެވެ.

ކްރިމިނަލް ކޯޓުގެ ތިންވަނަ ލަނޑު މެޗު ނިމެން 20 ސިކުންތައް ވެފައިވަނިކޮށް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބިނާރާ ޓީމަށް ތިން ލަނޑު ކާމިޔާބުކޮށްދިން އަލީ އަނޫފެވެ.