ތަޢުލީމު

މާސްޓަރ އޮފް އެޑިއުކޭޝަންގެ ދާއިރާއިން މީހުން ތަމްރީންކުރުން


އަމާޒަކީ، ރާއްޖޭގެ ކޮންމެ ސްކޫލަކަށް "މާސްޓަރ އޮފް އެޑިއުކޭޝަން އިން އެސެސްމެންޓް"ގެ ދާއިރާއިން ތަޢުލީމު ހާޞިލް ކުރައްވާފައިވާ މަދުވެގެން އެކަކު ތަމްރީނު ކުރެއްވުންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، މާސްޓާރ އޮފް އެޑިއުކޭޝަން އިން އެސެސްމެންޓް ކޯހުގައި ކިޔަވަމުންދާ ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކުރެއްވުމަށް ކަލާފާނު ސްކޫލުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، މާސްޓަރ އޮފް އެޑިޔުކޭޝަންއިން އެސެސްމަންޓް ކޯހުގެ މައިގަނޑު އަމާޒަކީ ނެޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްގެ ނިޒާމު ޤާއިމު ކުރުމަށް ބޭނުންވާ ފަންނީ މުއައްޒަފުން ބިނާކުރުން ކަމުގައެވެ.

"މިކޯހުގެ ސަބަބުން ރާއްޖޭގެ ސުކޫލުތަކުގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް، ދަރިވަރުންގެ ފެންވަރު ވަޒަންކުރާނެ އެއްމެ ފަހުގެ ގޮތްތައް ދަސްކޮށްދިނުމާއެކު ތަޢުލީމުގެ ތަފާސް ހިސާބުތައް ޢިލްމީ ގޮތެއްގައި ހޯދައި ޝާއިޢު ކުރެވޭނެ ޤާބިލުކަން، އެ މުއައްޒަފުންގެ ކިބައިގައި އަށަގެންނެވިގެން ދާނެ. މިއީ ތަޢުލީމީ ދާއިރާގެ ފެންވަރު ވަޒަންކޮށް ދެނެގަތުމަށް ނުހަނު ބޭނުންތެރި ކޯހެއް. އެހެންކަމުން، އަޅުގަނޑުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ސްކޫލަކަށް މިދާއިރާއިން މަދުވެގެން އެކަކު ތަމްރީނު ކުރުން." މިނިސްޓަރ ޝިހާމް ވިދާޅުވިއެވެ. 

މާސްޓަރ އޮފް އެޑިއުކޭޝަން އިން އެސެސްމެންޓް ކޯހުގައި މިހާރު ކިޔަވަމުންދާ 17 ދަރިވަރަކަށް ސްކޮލަރޝިޕް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމްއެވެ. ކޯހުގެ ބައިވެރިންނަށް ޓިއުޝަންފީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައިވަނީ ހަމަޖައްސަވާދެއްވާފައެވެ. އަދި ކޯހުގެ މުއްދަތުގައި ބައިވެރިންނަށް ޕޭ ލީވްވެސް އެޑިއުކޭޝަން މިނިސްޓްރީންވަނީ ހަމަޖައްސަވާދެއްވާފައެވެ.

މި އަހަރުގެ ޖުލައި މަހުން ފެށިގެން ޤައުމީ ޔުނިވަރސިޓީން ހިންގަވަމުން ގެންދަވާ މި ކޯހަކީ އަށާރަ މަސްދުވަހުގެ ކޯހެކެވެ.