ޚަބަރު

50 ބުރީގެ އިމާރާތެއް ޢިމާރާތްކުރުމަށްވުރެ ޤައުމު ދެކެ ލޯބިވާ ޒުވާނުން ބިނާކުރުން މުހިންމު: ރައީސް


  • ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމް ވަނީ ފައްޓަވާފައި

  • މި ޕްރޮގްރާމްގެ ސަބަބުން ޤައުމަށަށާއި، ޒުވާނުންނަށް ބޮޑު ފައިދާއެއްކުރާނެ

ޤައުމުދެކެ ލޯބިވާ ޒުވާން ޖީލެއް ބިނާކުރުމަކީ 50 ބުރީގެ އިމާރާތެއް ބިނާކުރުމަށްވުރެވެސް ޤައުމަށް މާ މުހިއްމުކަމެއްކަމަށް ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ،މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ،މުހައްމަދު މުޢިއްޒު މިހެން ވިދާޅުވީ ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމް ފެއްޓެވުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހި ޥަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ޒުވާނުން ބިނާކުރުމަށް ފަށާފައިވާ މުހިއްމު މަސައްކަތެއްކަމަށެވެ. އަދި ތަރައްޤީ ފުރިހަމަގޮތުގައި ޚާސިލުވާނީ އިސްލާމް ދީނާއި ދިވެހި ޤައުމުދެކެ ލޯބީވާ ހުނަރުވެރި ޖީލެއް ބިނާކޮށްގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ޕްރޮގްރާމަކީ މުހިއްމު ޕްރޮގްރާމެއްކަމަށާއި، މި ތަމްރީންތަކުގެ ނަތީޖާވެސް ރަނގަޅުވާނެކަމަށެވެ.

މި ޕްރޮގްރާމަކީ ޒުވާނުންގެ މުސްތަަޤުބަލު އުޖާލާ ކުރުމަށްޓަކައި ކުރިއަށްގެންދަވާ ޕްރޮގްރާމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ތަމްރީންތައް ނިމި ދެވަނަ ފިޔަވައްސަށް ދާއިރު ޕްރޮގްރާމްގެ ބައިވެރިން ވާނީ މިހާރަށްވުރެ ބޮޑަށް ޤައުމަށް ޚިދުމަތްކޮށްދޭ، އަދި އަމިއްލަ ޙަޔާތް އިތުރަށް ވަރުގަދަކަމާއެކު ކުރިއަށްގެންދެވޭނެފަދަ ޒުވާނުންތަކަކަށްކަމަށެވެ.

ރައީސް ވިދާޅުވީ 50 ބުރިީގެ އިމާރާތެއް އިމާރާތްކުރުމަށްވުރެ ބޮޑަށް އިސްލާމްދިނާއި ޤައުމުދެކެ ލޯބިވާ ފަޚުރުވެރި ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ މާ މުހިއްމު ކަމެއްކަމަށެވެ.

"މިއަދު ފެށިގެން މިދަނީ ވަރަށް ތާރީޚީ މަސައްކަތެއް. ޤައުމު ބިނާކުރުމުގެ ވަރަށް މުހިއްމު ޞަފްޙާއެއް. މި ޔަޤީންކަން ދެން ސަރުކާރުން ތިކުދިންނާ ވަރަށް ގާތުން ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދޭނަން. ވަރަސް ހިތްހަމަޖެހިގެން ވަރަށް އުފަކާއެކު ކުރިއަށް ވަޑައިގަންނަވަންވީ."ރައީސުލްޖުމްހޫރިއޔްާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުންވެސް ޒުވާނުންގެ މެދުގައި މިކަމަށް އޮތް ޝައުގިވެރިކަން ފެންނަކަމަށާއި ޤައުމުގެ މުސްތަޤުބަލު އޮތީ ވަރަށް އުޖާލާކޮށްކަން ފެނިގެންދާކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި އިތުރު ކުދިން މި ޕޮރޮގްރާމްގައި ބައިވެރިވެ، ސަރުކާރުން ކަނޑައަޅާފައިވާ 5000 ޒުވާނުން ތަމްރީންކުރުމުގެ އަމާޒަށް ވާސިލުވުންކަމަށެވެ.