ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފިލިޕީންސްގެ މެދުތެރޭ ސަރަޙައްދުތަކަށް ރިކްޓަރ މިންގަނޑުން 6.9ގައި އައި ބިންހެލުމާއި ގުޅިގެން އެތައް ބަޔަކު މަރުވެ ލިބުނު ބޮޑެތި ގެއްލުންތަކާއި ގުޅިގެން އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާކަމަށެވެ.
މި ހިތަމަވެރި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ފިލިޕީންސްގެ ރައްޔިތުންނާ އެކުގައިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
Deepest condolences to the government and people of the #Philippines for the tragic loss of lives and destruction caused by the earthquake. Our thoughts are with the bereaved families. #Maldives stands in solidarity with the Philippines during this time of national grief. 🇲🇻🇵🇭
— Dr Mohamed Muizzu (@MMuizzu) October 1, 2025
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު ފަސްދޮޅަހުން މައްޗަށް އަރާފައިވާއިރު، މި ބިންހެލުމާ ގުޅިގެން ގެދޮރާއި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށާއި، ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑިފައިވާ ސަރަޙައްދުތަކަށް އެ ޚިދުމަތްތައް އަލުން ގުޅައިދިނުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
ފިލިޕީންސްގެ ކަމާ ގުޅޭ އިދާރާތަކުން ބުނީ، ބިންހެލުން އައިސްފައި ވަނީ އެޤައުމުގެ ސެބޫ ޕުރޮވިންސުގެ އުތުރުގައި އޮތް ބޮގޯ ސިޓީގެ އައްސޭރިފަށަށް ކަމަށެވެ.
އެ ޤައުމުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ވަނީ މަރުވި މީހުންގެ އިތުރަށް 150އެއްހާ މީހުންނަށް މި ހާދިސާއާ ގުޅިގެން އަނިޔާވެފައިވާ ކަންވެސް ހާމަކޮށްފައެވެ.