އަރިއަތޮޅު ދެކުނުބުރީ ދިއްދޫ އަދި މަންދޫގައި ކުޅިވަރު ތަރައްގީކުރުމުގެ މަޝްރޫއުތަކެއްގައި ސޮއިކޮށްފިއެވެ.
މިއީ ސަރުކާރުގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.
ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ މިރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢުދީއެވެ.
މި ރަސްމިއްޔާތުގައި މި ދެ ރަށުގެ ކައުންސިލުގެ މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ދިއްދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުން ހިމެނެއެވެ. އޭގެ އިތުރުން މަންދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމާއި އެރަށުގެ ފުޓްސަލް ދަނޑުގައި ނުނިމިހުރި މަސައްކަތްތައް ކުރުންވަނީ ހިމަނާފައެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރު ދިރުވާ އާލާކޮށް، ހަށިހެޔޮ ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގެ ބޭނުމުގައި ސަރުކާރުން ގެންދަވަނީ ކުޅިވަރުގެ ގިނަ މަޝްރޫޢުތަކެއް ހިންގަވަމުންނެވެ. މިގޮތުން އައުޓްޑޯ ޖިމްތަކާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް ކުރިއަށްދާއިރު، ކުޅިވަރުގެ ވަސީލަތްތައްވެސް ދަނީ ޤާއިމުކޮށްދެއްވަމުންނެވެ. އޭގެ ތެރޭގައި ދަނޑުތަކާއި ކޯޓުތަކުގެ މަސައްކަތްތައްވެސް ހިމެނެއެވެ.
މިމަޝްރޫޢުތަކުގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވަނީ ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީއާ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި އެވެ.