ޚަބަރު

"ގުޅިގެން މަސައްކަތްކުރުމުން ގެއްލުންތައް ކުޑަކުރެވި ބަލިމީހުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރެވޭނެ"


  • ކޮންމެ ބަލިމީހަކަށްވެސް ރައްކާތެރި ޚިދުމަތެއް ލިބިގަތުމުގެ ޙައްޤު ލިބިގެންވާކަމަށް ވިދާޅުވި

ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި އެފަރާތްތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް އިސްކަންދޭންޖެހޭކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް މިހެން ވިދާޅުވީ، ދުނިޔޭގެ ބަލިމީހުންގެ ސަލާމަތްތެރިކަމުގެ ދުވަހާ ގުޅުވައިގެން ބޭއްވި ޚާއްސަ ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

މިހަރަކާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި އެފަރާތްތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް އެންމެ އިސްކަންދޭންޖެހޭ އަސާސީ ކަމެއްކަމަށެވެ.

"ކޮންމެ ނިންމުމެއްގައި، ކޮންމެ ޢަމަލެއްގައި އަދި ބަލިމީހުންނާއި އާއިލާތަކާ ކުރެވޭ ކޮންމެ ގުޅުމެއްގައިވެސް ސަލާމަތްތެރިކަމަކީ އަބަދުވެސް އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަމެއް ކަމުގައި ވާންޖެހޭ. ސަލާމަތްތެރިކަމަކީ ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެއްކަން ހަނދާންކުރުން ވަރަށް މުހިންމު. ކޮންމެ ދުވަހަކުވެސް ކުރެވޭ، ޕްރޮޓޮކޯލްތަކަށް ޢަމަލުކުރުން، ކުރާ މަސައްކަތް ދެފަހަރު ޗެކްކުރުން، ސާފުކޮށް މުޢާމަލާތްކުރުން އަދި އެކަކު އަނެކަކަށް އެހީތެރިވުން ފަދަ ކުދިކުދި ކަންތައްތަކަކީ ހަމަޖެހުމާއި ރަނގަޅުވުމުގެ ތަފާތު ދައްކުވައިދޭނެ ކަންތައްތަކެއް." ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ބަލިމީހުންގެ ސަލާމަތްތެރިކަމަށް ވެފައިވާ ވަޢުދަށް އިޙްތިރާމްކުރުމަށް ކޮންމެ މުވައްޒަފަކުވެސް އެފަރާތްތަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ކޮންމެ ބަލިމީހަކަށްވެސް ރައްކާތެރި އަދި އިތުބާރު ކުރެވޭ ޚިދުމަތެއް ލިބިގަތުމުގެ ޙައްޤު ލިބިގެންވާކަން ފާހަގަކުރައްވާ ސީއީއޯ ވިދާޅުވީ، ބަލިމީހުންނަށް ލިބިދޭންޖެހޭ ޚިދުމަތަކީ ގެއްލުމާއި، ގޯސްތަކާއި، ކުރިމަތިވެދާނެ ނުރައްކާތަކުން ދުރުވެފައިވާ ޚިދުމަތެއްކަން ކަށަވަރުކުރަންޖެހޭކަމަށެވެ.

ދުނިޔޭގެ ބަލިމީހުންގެ ސަލާމަތްތެރިކަމުގެ ދުވަހަކީ ހަމައެކަނި ކަލަންޑަރުގައި ފާހަގަކުރާ ދުވަހެއް ނޫން ކަމަށާއި، އެއީ ދުނިޔޭގެ ފެންވަރުގައި ޢަމަލުކުރުމަށް ގޮވާލާ ގޮވާލުމެއް ކަމުގައިވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.

ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މަސައްކަތް ބުރަވުމާއި، ގޮންޖެހުން ބޮޑު ބަލިތައް ގިނަވުމުގެ އިތުރުން ވަސީލަތްތައް މަދުވުން ފަދަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުނަމަވެސް، މިފަދަ ދަތިތަކަކީ ބަލިމީހުންގެ ސަލާމަތްތެރިކަމުގެ ސަގާފަތް އިތުރަށް ދަސްކޮށް، ތަރައްޤީކޮށް، ވަރުގަދަކުރުމަށް ލިބޭ ރަނގަޅު ފުރުސަތުތަކެއްކަމަށެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވެ، މައުލޫމާތު ބަދަލުކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ސަބަބުން، ގެއްލުންތައް ކުޑަކުރެވި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތްތައް ހަރުދަނާކުރެވޭނެކަމަށްވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.