ޚަބަރު

އުމުރުން ދުވަސްވީ ކޮންމެ މީހެއްގެ މާޒީއަކީ ޤައުމަށް އިބުރަތުގެ ދަރުސެއް: ރައީސުލްޖުމްހޫރިއްޔާ


  • އުމުރުން ދުވަސްވީ ކޮންމެ މީހަކީ މިޤައުމަށް ތަޖްރިބާގެ އަގުހުރި މުތެއްކަމަށް ވިދާޅުވި

އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ޤައުމަށް ތަޖްރިބާގެ އަގުހުރި މުތެއް ކަމަށާއި އެއިން ކޮންމެ ބޭފުޅަކު މާޒީގައި ދެކެވަޑައިގަތް ކަންކަމަކީ، ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އުމުރުން ދުވަސްވީ މީހުންނަށް ލިބެންހުރި ފުރުސަތުތަކާއި، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެކަންކަމަށް ޙައްލު ހޯދުމަށްޓަކައި، އުމުރުން ދުވަސްވީ މީހުންގެ ދުވަހެއް ފާހަގަކުރުމަށް އދ.ގެ ޖެނެރަލް އެސެމްބްލީން ނިންމީ 14 ޑިސެންބަރު 1990ގައެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަސް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އިސްރަށްވެހިންގެ ދުވަސްކަމުގައި ކަނޑައަޅައި، ދުނިޔޭގެ ފެންވަރުގައި މި ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މިއަހަރުގެ އިސްރަށްވެހިންގެ ދުވަހުގެ ޝިޢާރަކީ "ރަށު ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި އިސްރަށްވެހިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުން؛ އިސްރަށްވެހިންގެ އުންމީދުތައް، ދުޅަހެޔޮކަން، ޙައްޤުތައް" މިއެވެ.

މިއަހަރުގެ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ޤައުމަށް ތަޖްރިބާގެ އަގުހުރި މުތެއް ކަމަށާއި އެއިން ކޮންމެ ބޭފުޅަކު މާޒީގައި ދެކެވަޑައިގަތް ކަންކަމަކީ، ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އެންމެ ސަމާލުކަންދޭ އެއް ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ދޮށީ އުމުރުގެ ރައްޔިތުންނަށް ފަހި، ފަސޭހަ، އޯގާތެރި ވެއްޓަކަށްވުމާއި، ހުރިހާ އުމުރު ފުރައަކަށް އުފާފާގަތި މާހައުލެއް އަބަދުމެ އޮތުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މެސެޖް ނިންމަވާލެއްވީ ކޮންމެ އިސްރަށްވެއްސެއްގެ ޙަޔާތުގެ މިދުވަސްތަކަކީ، ލޯތްބާއި ކުލުނުން ފުރިފައިވާ، ދުޅަހެޔޮ، ބާއްޖަވެރި ދުވަސްތަކެއް ކަމުގައިލެއްވުން އެދި ދުޢާކުރައްވަމުންނެވެ.

ދިވެހިރާއްޖޭގެ އާބާދީއަށް ބަލާއިރު، ރާއްޖެއަކީ ހަލުވިމިނުގައި އާބާދީ ބަދަލުވަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އުމުރުން ދުވަސްވަމުންދާ ދުނިޔެއެއްގައި އިޖްތިމާޢީ ތަރައްޤީ ޙާޞިލުކުރުމަށްޓަކައި، އުމުރަށް އަމާޒުކޮށްގެން އެކުލަވާލެވޭ ސްޓްރެޓެޖީތައް ތަންފީޒުކުރުމާއި، އެންމެންނަށް ހަމަހަމަ އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ޞިއްޙީ ޚިދުމަތްތަކާއި އިޖްތިމާޢީ ރައްކާތެރިކަމަށް ހަމަހަމަކަމާއެކު ވާޞިލުވުމުގެ މަގު ތަނަވަސްކޮށްދިނުމާއި، އަދި އެއްވެސް ތަފާތުކުރުމެއްނެތި މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައި އުމުރުން ދުވަސްވީ މީހުން ފުރިހަމައަށް ބައިވެރިވުމަށް ބާރުއެޅުން ހިމެނޭ ސިޔާސަތުތައް އެކުލަވާލުން މުހިންމެވެ. މި އަމާޒަށް ވާޞިލުވުމުގެ ގޮތުން، އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރި، އޯގާތެރި އަދި އަޅާލުން ލިބޭ މާޙައުލެއް މުޖުތަމަޢުގައި ޤާއިމްކުރުމަށް "އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު" ވަނީ އެކުލަވާލާފައެވެ. މިސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުންގެ ޢިއްޒަތާއި ކަރާމާތް ހިމާޔަތްކުރުމާއި، އެފަރާތްތަކުގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމެވެ. މީގެއިތުރުން، އެ ފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއި، މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއެކު، ދުޅަހެޔޮ ޞިއްޙަތެއްގައި މިނިވަންކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ.

އިސްރަށްވެހިންނަކީ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީގޮތުން ދުޅަހެޔޮ ބައެއްކަން ކަށަވަރުކުރުމާއެކު، މުޖުތަމަޢުގައި އެމީހުންގެ ޝާމިލުވުން އިތުރުކޮށް ހަރަކާތްތެރި ބަޔަކަށް ހެދުމަށް، އިސްރަށްވެހިންނަށް ޚާއްޞަ ހަރަކާތްތަކެއް ހިންގޭނެ ޖާގަތަކެއް ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގޭ މިފަދަ ހަރަކާތްތަކުގެ ސަބަބުން، މި މުޖުތަމަޢަކީ އިސްރަށްވެހިންނަށް ޤަދަރުކުރާ، އެ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރާ، އިސްރަށްވެހިން ކަންކަމުގައި ޝާމިލުކުރާ، އަދި އިސްރަށްވެހިންގެ ތަޖުރިބާގެ ބޭނުންހިފާ އޯގާތެރި މުޖުތަމަޢެއްގެ ގޮތުގައި ބިނާކުރުމަށް ބާރުލިބިގެންދެއެވެ.