ޚަބަރު

ސެޕްޓެންބަރު މަހު ފުލުހުންނަށް ޖުމްލަ 1096 މައްސަލައެއް


  • އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަ

  • އޮގަސްޓްމަހާ އަޅާބަލާއިރު ސެޕްޓެންބަރު މަހު ހުށަހެޅި މައްސަލަތަކުގެ އަދަދުވަނީ އިތުރުވެފައި

މިދިޔަ ސެޕްޓެންބަރުމަހު ފުލުހުންނަށް ޖުމްލަ 1096 މައްސަލައެއް ހުށަހަޅާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެންބަރު މަހު ހުށަހެޅި މައްސަލަތަކުގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން ސެޕްޓެންބަރު މަހު ފުލުހުންނަށް ޖުމްލަ 1096 މައްސަލައެއް ހުށަހަޅާފައިވާއިރު އޮގަސްޓްމަހު ފުލުހުންނަށް ހުށަހަޅާފައިވަނީ 1003 މައްސަލައެކެވެ.

ސެޕްޓެންބަރުމަހު ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 338 މައްސަލަ ވަނީ ހުށަހަޅާފައެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ.

އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 273 މައްސަލަ ހުށަހަޅާފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ 198 މައްސަލަ ސެޕްޓެންބަރުމަހު ވަނީ ހުށަހަޅާފައެވެ.

ސެޕްޓެންބަރުމަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް:

• ވައްކަމުގެ 338 މައްސަލަ
• ޓްރެފިކް އެކްސިޑެންޓްގެ 273 މައްސަލަ
• މަސްތުވާތަކެއްޗާ ގުޅޭ 198 މައްސަލަ
• އެއްޗެހި ގެއްލިގެން 79 މައްސަލަ
• މުދަލަށް ގެއްލުން ދިނުމުގެ 59 މައްސަލަ
• އަނިޔާގެ 56 މައްސަލަ
• ޚިޔާނާތުގެ 24 މައްސަލަ
• ޖިންސީ ގޯނާ ކުރުމުގެ 21 މައްސަލަ
• ގެވެށި އަނިޔާގެ 18 މައްސަލަ
• ފޭރުމުގެ 17 މައްސަލަ
• ފޯޖް ކުރުމުގެ 13 މައްސަލަ

ކުށް މަދުކުރުމަށް މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާއި ގުޅިގެން ފުލުހުން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ޚާއްސަކޮށް ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުދުއްވުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް އަމަލުކުރުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.

މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ، މާލޭ ސަރަޙައްދުގައި ޓްރެފިކް ބެލެހެއްޓުމަށް ޚާއްސަ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒުކުރަން ވަނީ ފަށާފައެވެ.