ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކުރައްވައިފިއެވެ.
މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކުރެއްވީ އެކަމަށްޓަކައި ޅ.މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް އިފްތިތާޙްކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ތަމްރީންގެ ބައިވެރިންނަށާއި މުދައްރިބުންނަށް އިޤްރާރުލައިދެއްވާފައެވެ. އަދި ދިވެހި ވަޠަނީ ޚިދުމަތުގެ ދިދަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނަންގަވާދެއްވާފައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމް ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި 1244 ޒުވާނުން ކުރިމަތިލާފައިވެއެވެ. ނަމަވެސް ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި ތަމްރީނު ކުރަނީ 343 ޒުވާނުންނެވެ. އެގޮތުން، ރާއްޖޭގެ 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29 އަހަރުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުން ވަނީ ތަމްރީނަށް ވަނީ ހޮވިފައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ހޮވުނު ކުދިންގެ މައިގަނޑު ތަމްރީންތައް ފުރިހަމަ ކުރުމަށްޓަކައި މާފިލާފުއްޓަށް ފުރީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. މި ޕްރޮގްރާނަށް ކުދިން ހޮވުމަށްޓަކައި މާފިލާފުއްޓަށް ފުރުމުގެ ކުރިން މާލޭގައާއި އަތޮތެރޭގެ އެކި ސަރަޙައްދުތަކުން ކުދިން ހޮވުމުގެ މަސައްކަތް ކޮށްފައިވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ސަބަބުން، ދިވެހި ޒުވާނުންނަށް، އެމީހުންގެ އަމިއްލަ ނަފުސު ތަރައްޤީކޮށް، ހުނަރާއި ޤާބިލުކަމުގެ ރޮނގުން ސިކުނޑިއާއި ނަފްސު އިތުރަށް ފުރިހަމަ ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި ވަޒީފާގެ ބާޒާރުގައި ޙަރަކާތްތެރިވާ އާބާދީގެ ރޭޓް އިތުރުވެ، އުފެއްދުންތެރި ޒުވާނުންގެ އާބާދީ މަތިކުރުމަށް މަގުފަހިވެގެންދާނެއެވެ.
▪ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމް ދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުން
▪ ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުން.
▪ ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކާއި ވަޒީފާގެ ބާޒާރަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުން
▪ ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަގަޅު، އިހުތިރާމް ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުން.
▪ ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ހުނަރުތައް ދަސްވެފައިވާ، އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން
▪ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް އެ ޒުވާނުން ހެދުން.
ދިވެހި ވަޠަނީ ޚިދުމަތުގެ ތަޞައްވުރަކީ، ދިވެހިން ބަލައިގަންނަ، ދިވެހި ޒުވާނުންގެ މެދުގައި މަޤުބޫލު، ނަމޫނާ ހަރަކާތެއްގެ ގޮތުގައި މި ޚިދުމަތް ތަރައްޤީކުރުމެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ މިޝަންއަކީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ތެރެއިން މިއަދު ފަށާފައިވާ "ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ" އަކީ 3 މަސްދުވަހުގެ ތަމްރީނެކެވެ. މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތަޢުލީމް، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީން ހިމެނޭއިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ކުރިއަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތަކާއި އަސްކަރީ ޙަރަކާތް ތަޢާރަފް ކޮށްދިނުންވެސް މިތަމްރީނުގައި ހިމަނާފައިވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް ގުޅިގެން ހިންގާ ހަރަކާތެކެވެ. މިޚިދުމަތަކީ، ކުރިމަގުގައި އިތުރަށް ފުޅާކުރެވޭނެ ޙަރަކާތަކަށް ވާއިރު، ނެޝަނަލް ސަރވިސް އަށް ޚާއްޞަ ޤާނޫނެއް ވަރަށް އަވަހަށް ތަޢާރަފް ކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މިހާރު ރާވާފައިވާގޮތުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދިވެހި ވަޠަނީ ޚިދުމަތުގެ ގުނަވަނެއްގެ ގޮތުގައި ފަންނީ ތަމްރީން އިފްތިތާޙްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، "ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ" ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން، އެފަރާތްތަކުގެ ޝައުޤާއި، ކޯސްތަކުގެ ޖާގަ ހުރި މިންވަރަށް ބިނާކޮށް، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތަކުން އެބައިވެރިންނަށް ފުރުޞަތު ފަހިކޮށް ދިނުމަށް ވަނީ ނިންމާފައެވެ.