ޚަބަރު

ހުކުރު ދުވަހުގެ އެއްވުމުގަައި އަމަން އަމާންކަމަށް ނުރައްކާވެދާނެ އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ގޮވާލައިފި


  • ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފުނުވުމަށް ފުލުހުން ވަނީ ގޮވާލާފައި

  • މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުރުސަތު ނުދޭނެ ކަމަށް ފުލުހުންވަނީ ވިދާޅުވެފައި

ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ އެއްވުމުގައި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުންގެ ޚިދުމަތުން ގޮވާލައްވައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މިކަމަށް ގޮވާލާފައިވަނީ ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން އަންނަ ހުކުރުދުވަހުގެ ރޭ ބޭއްވުމަށް ރާވާފައިވާ ހަރަކާތާ ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު" އާއި އެޤާނޫނަށް އިސްލާހް ގެނެސްފައިވާ ޤާނޫނުތަކުގައިވަނީ ބަޔާންކޮށްފައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ސުލްހަވެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ ވަރަށްބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަކަމެއްކަމަށެވެ. ނަމަވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް، މިހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަަމަށެވެ. އަދި މިފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެލިދާނެ ކަންކަން ކަމަށް އެޚިދުމަތުން ދެކޭކަމަށެވެ.

އެހްންކަމުން ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިހަރަކާތަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުންގެ ޚިދުމަތުންވަނީ ގޮވާލައްވާފައެވެ. އަދި މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުރުސަތު ނުދޭނެ ކަމަށްވެސްވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ޚިދުމަތުންވަނީ، މި ހަރަކާތް ކުރިއަށްދާއިރު، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމާއެކު، އެންމެހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމު ކޮށް މުޖުތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ގޮތަށް ހަރަކާތް ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ.