ޚަބަރު

ޗައިނާއާއި ރާއްޖޭގެ ގުޅުންދާނީ އިތުރަށް ވަރުގަދަވަމުން: ރައީސް


  • ޗައިނާގެ ޤައުމީ ދުވަހަކީ އޮކްޓޫބަރު މަހުގެ 1ވަނަ ދުވަސް

  • ދުވަހުގެ ތަހުނިޔާ ރައީސް ވަނީ ޗައިނާގެ ވެރިންނާއި ރައްޔިތުންނަށް ފޮނުވާފައި

ރާއްޖެއާ ޗައިނާ އާއި ދެމެދު އޮތް ގުޅުން ކުރިމަގުގައި އިތުރަށް ވަރުގަދަވެ ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗައިނާގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސް ޝީޖިން ޕިންގ އަށާއި، އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދުވަހުން ދައްކުވައިދެނީ ޗައިނާގެ ހަރުދަނާ ސިޔާސަތުތަކާއި، ރައްޔިތުންގެ ކެތްތެރިކަންކަމަށެވެ. އަދި ބައިނަލްއަޤްވާމީ މަޤްޞަދުތައް ހާސިލްކުރުމުގައި ޗައިނާއިން އެހެން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަދާކުރާ މުހިންމު ދައުރުވެސް ހާމަވާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް އަޚްވަންތަ ގުޅުމަކީ ޒަމާންވީ ގުޅުމެއްކަމަށާއި، ކުރިއަށް އޮތްތަނުގައި އެގުޅުން އިތުރު ހަރުފަތަކަށް ކުރިއަށް ޖެހޭނެކަމާމެދު ޔަޤީންކުރައްވާކަމަށް ވިދާޅުވެފައެވެ.

ޗައިނާގެ ޤައުމީ ދުވަހަކީ އޮކްޓޯބަރުމަހުގެ 1ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުން ފެށިގެންނެވެ. އެއީ 23 އަހަރަށް ދެމިގެންދިޔަ ޗައިނާގެ ދާޚިލީ ހަނގުރާމައިގައި، އެ ގައުމުގައި ކުރިން ވެރިކަން ކުރަމުން އައި ޗައިނީސް ނެޝަނަލިސްޓް ޕާޓީގެ މައްޗަށް ޗައިނީސް ކޮމިއުނިސްޓް ޕާޓީން ކާމިޔާބު ހޯދި ދުވަހުގެ ގޮތުގައެވެ.

ޗައިނާގެ 76 ވަނަ ޤައުމީ ދުވަހާއި ގުޅިގެން އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ ހިމެނޭހެން ކުދި ޤައުމުތަކުން ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހަމަހަކަން ކުރިއެރުވުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ޗައިނާއަކީ އަބަދުވެސް އެއްބާރުލުން ދެއްވާ ޤައުމެއް ކަމަށެވެ.

ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިއަހަރު އެގުޅުމަށް 53 އަހަރު ފުރޭނެއެވެ.