ޚަބަރު

އިސްރަށްވެހިންނަކީ ޤައުމާއި ޖީލުތައް ބިނާކުރުމުގެ މައި ތަނބު


  • އާބާދީގެ %5އަކީ ދޮށީ އުމުރުގެ މީހުން

  • އުމުރުން ދުވަސްވީ މީހުންނާ ގުޅޭ ޤައުމީ ސިޔާސަތު ވަނީ އެކުލަވާލާފައި

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ކޮންމެ އަހަަރަކުވެސް ފާހަގަކުރަނީ އޮކްޓޯބަރުމަހުގެ 1ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ މުޖުތަމަޢުގައި އިސްރަށްވެހިންގެ ދަޢުރު ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުމަށެވެ.

މުޖުތަމަޢުގެ ކުޑަކުދިންނެކޭ ދާދި އެއްފަދައިން، އަހަރަމެންގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން އެންމެ ބޭނުންވާ އެއް ބަޔަކީ، އުމުރުން ދުވަސްވީ މީހުންނެވެ. ދިވެހިރާއްޖޭގެ އާބާދީގެ ތަފާސްހިސާބަށް ބަލާއިރު، މިހާރުވެސް އާބާދީގެ %5އަކީ 65 އަހަރުން މަތީގެ މީހުންނެވެ. އެއީ 20000އަށްވުރެ ބޮޑު އާބާދީއެކެވެ. އަދި މިއަދަދު 2023ވަނަ އަހަރު %7އަށް، 2050ވަނަ އަހަރު އޭގެ ދެ ގުނަ ކަމަށްވާ %14 އަށް އިތުރުވެގެންދާނެއެވެ. މިއަދަދު ލައްކައަކާ ގާތްކުރާނެއެވެ.

އަދި ރާއްޖޭގައި އުފަންވާ އަބާދީ ކުޑަވުމުގެ ސަބަބުން، ރާއްޖޭގެ އާބާދީ މިހާރު މިސްރާބު ޖަހަމުންދަނީ ދޮށީ އުމުރުގެ އަބާދީއަކާ ދިމާލަށެވެ.

އުމުރުން ދުވަސްވީ މީހުން ނުވަތަ އިސްރަށްވެހިންނަކީ، ޖީލުތައް ބިނާކުރުމުގެ މައި ތަނބެވެ. އާއިލާތައް ބިނާކުރުމާއި އެކި ރޮނގުތަކުގައި ޤައުމު ބިނާކުރި ޚިދުމަތްތެރިިންނެވެ. އިސްވާރުންނެވެ.

އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުމުގެ ކަންކަން ފަހިކޮށްދިނުމަށް ސަރުކާރާއި ކަމާގުޅޭ އިދާރާތަކުން މުހިންމު އެކި މަސައްކަތްތައް ކުރަމުން އާދެއެވެ. އެގޮތުން މި ނިމުނު ސެޕްޓެމްބަރު މަހު ވަނީ އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު ރާއްޖޭގައި އިފްތިތާޙުކޮށްފައެވެ.

މި ސިޔާސަތުގެ މަޤުޞަދުތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް، އެމީހުންގެ އުމުރާ އެކަށީގެންވާ، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއާއި ދިގު މުއްދަތުގެ ފަރުވާގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރުކުރުމާއި، އަދި އެފަރާތްތަކަށް ދިގުމުއްދަތަށް ދެމިގެންދާ ތަޢުލީމާއި ހުނަރު ތަރައްޤީކުރުމުގެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަކީ މާލީ ގޮތުން ފުދުންތެރި ބައެއްކަން ކަށަވަރުކުރުމަށް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި، ޕެންޝަންތަކާއި، އިޤްތިޞާދީ ގޮތުން ބައިވެރިވުމުގެ ފުރުޞަތުތައް ހިމެނޭގޮތަށް އާމްދަނީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް ފުޅާކުރުމަކީ ވެސް މީގައި ހިމެނޭ މުހިންމު ސިޔާސަތުތަކެވެ.

އިސްރަށްވެހިންނަށް ހެލިފެލިވެއުޅުމާއި، އެކި ކަހަލަ ހަރަކާތްތައް ހިންގުމުގެ ފުރުޞަތު ދިނުމަށް ސަރުކާރުން އެންމެ ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ، އެމީހުންނަށް ބޭނުންވާ ހަރަކާތްތައް ހިންގޭގޮތަށް ތަރައްޤީކުރަމުންދާ ނާދީތަކެވެ. އެގޮތުން މިހާރުވެސް މާލެއާއި ހުޅުމާލޭގައި ނާދީ ތަރައްޤީކޮށް ހިންގަމުންދާއިރު، ސަރުކާރާއި ގުޅިގެން އެކަން ކުރުމުގެ ފުރުޞަތު ކައުންސިލްތަކަށްވެސް ވަނީ ފަހިކޮށްދީފައެވެ.

އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުން އިސްރަށްވެހިންގެ ނާދީތައް ރަށްރަށުގައި ތަަރައްޤީކުރުމަށް މިހާރުވެސް 40އަށްވުރެ ގިނަ ކައުންސިލުން އެދިފައިވެއެވެ. އަދި އެކަމަށް ބޭނުންވާ އެކިއެކި އެހީތެރިކަން ކައުންސިލްތަކަށް ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އަތޮޅުތަކުގައި މިފަދަ 4 ތަނެއް ހުޅުވި ޚިދުމަތަށް ގެނެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އުމުރުން ދުވަސްވީ މީހުންނަށް އެންމެ މުހިންމީ މުޖުތަމަޢުގެ އަޅާލުމާއި އޯގާތެރިކަމެވެ. އާއިލާއާއި ރަޙުމަތްތެރިންނާއި ބަދަހިވެދާ ގުޅުމަކީ، މައިންބަފައިން ނިކަމެތިވިޔަ ނުދީ ހިތްހަަމަޖެހިގެން ދިރިއުޅުމަށް ފަހިކޮށްދެވޭ އެންމެ މުހިންމު ރާސްތާއެވެ. ނަފްސާނީ ދުޅަހެޔޮކަމާއި، ޖިސްމާނީ ދުޅަހެޔޮކަމަށްވެސް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ. މުސްކުޅިވާ ދުވަހު މައިންބަފައިން އެކަނިކޮށްނުލާ، އެމީހުންގެ އިޙުސާސްތައް ދެނެގަނެ، ލޯތްބާއި ޙިމާޔަތް އެ މައިންބަފައިންނަށް ފޯރުކޮށްދިނުމަކީ، ކޮންމެ ދަރިއެއްގެ، އަދި މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެވެސް ޢަޒުމަކަށް ހަދަަންޖެހެއެވެ.