ކުޅިވަރު

އިތުރު ބިދޭސީ ކުޅުންތެރިންތަކެއް ގުޅިއްޖެ، ޓީމު ދަނީ ރަނގަޅުވަމުން: ލަތީފް


އިތުރު ބިދޭސީ ކުޅުންތެރިންތަކެއް ވިކްޓަރީ ސްޕޯޓްސް ކުލަބާ ގުޅިއްޖެ ކަމަށާއި، ޓީމުގެ ފެންވަރު ދުވަހަކަށްވުރެ ދުވަހެއްދާނީ މަތިވަމުން ކަމަށް އެ ޓީމުގެ ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނެފިއެވެ.

ދާދި ފަހުން ޓީމާއި ހަވާލުވި ކުރީގެ ފޯވާޑް ލައްޗޭ، ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މިހަފްތާގެ މެޗުތަކުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަމުން ބުނީ ފުރަތަމަ މެޗަށް އެރީ އެންމެ ދިހަ ދުވަހުގެ ފަރިތަކުރުމަށްފަހުކަމަށެވެ. އެގޮތުން ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި ނަމަވެސް އިތުރު ހިތްވަރަކާއެކު ނުކުމެ 1-0 ގެ ނަތީޖާއަކުން ގްރީން ސްޓްރީޓްސް ބަލިކުރެވުމަކީ ލިބުނު ހިތްހަމަޖެހުމެއްކަމަށް ލައްޗޭ ސިފަކުރިއެވެ.

"މުބާރާތް ފެށުން ދުވަސްކޮޅު ކުޑަވެފަ، ފުރަތަމަ މެޗަށް ނިކުންނަށް މިޖެހުނީ ގާތްގަނޑަކަށް ޓީމު އެއްކޮށް ވެއްޖިއްޔާމުން ދިހަ ދުވަހުގެ ޓްރޭނިންއާއި އެކު. ދެން އެހިސާބުން އެމެޗު ގެއްލިގެން ދިޔައީ. ދެން ދެވަނަ މެޗަށް ދިޔައިރު ކޮންމެވެސް ވަރަކަށް ޓީމު ހުރިހާކަމެއް ކުރިން ގެއްލިފަހުރި ކަންތައްތައް ވަރަށް ބޮޑަށް މަސައްކަތާއިއެކު ހުންނާނީ ރަނގަޅުކުރެވިފަ އިރާދަކުރެއްވިއްޔާ. ދެވަނަ މެޗު ކާމިޔާބާއި އެއްކޮށް ނެގިފަ އެވަނީ" ލައްޗޭ ބުންޏެވެ.

މިސީޒަނާއި ވިކްޓަރީ ސްޕޯޓްސް ކުލަބުން ކުރިމަތިލާފަވަނީ ތަޖުރިބާކާރު ކުޅުންތެރިންތަކެއް ސްކޮޑުގައި ހިމަނައިގެންނެވެ. މިގޮތުން ވިކްޓްރީ ވަރުގަދަކުރުމަށް ގެނެވުނު ނަން މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ކުލަބު އީގަލްސްއަށް ކުޅުނު އަޙްމަދު ހަސަން (އައްމަޑޭ) އާއި، ކުލަބު ވެލެންސިއާއަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ހަސަން ސުފިޔާން އާއި، އަމްދާން އަލީ (އެންޑީ) ގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަކުން ފެނިފައިވާ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުންވެސް ވިކްޓްރީގެ ސްކޮޑަށް އިތުރުކުރާ ބިދޭސީ ކުޅުންތެރިންތަކެއް ކުރިއަށް އޮތް މެޗުގައި ފެންނާނެކަމަށް ލައްޗޭ ބުނެފަވެއެވެ. މިއީ ޓީމަށް ލިބިގެންދާނެ އިތުރު ވަރުގަދަކަމެއްކަމަށް އޭނާ ސިފަކުރިއެވެ. މި ސްކޮޑާއިއެކު ކުރިއަށް ހުރި މެޗުތަކަށް ކުރާ އުންމީދު ބޮޑުކަމަށް ލައްޗޭވަނީ ފާހަގަކޮށްފައެވެ.

"ދެން ކުރިއަށް މެޗަށްދާއިރުގައިވެސް އަނެއްކާ އިތުރު ފޮރިން ޕްލެޔަރުންތަކެއްވެސް ޓީމާއި ގުޅިއްޖެ. ދެން އެހެންވީމަ މުބާރާތުގައި ދުވަހެއް ދުވަހެއް ދާވަރަކަށް ޓީމުގެ ކޮލިޓީ ސްޓޭންޑަޑް ދާނީ ހައި ވަމުން. އެހެންވީމަ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އޮޑި މެޗަށްވެސް ޓީމު އިނީ ވަރަށް ބޮޑަށް ފުރިހަމަވެފަ. އެމެޗުން ހަމަ ތިން ޕޮއިންޓު ހޯދަން ހަމަ ހުރިހާ ކުޅުންތެރިންވެސް އަޒުމް ކަނޑައަޅައިގެން ތިބީ" ލައްޗޭ ބުންޏެވެ.

ވިކްޓްރީގެ ގޯލު މިހާރު ބަލަހައްޓަމުން އަންނަ 19 އަހަރުންދަށުގެ ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާނަށް އޮތް އިތުބާރު ބޮޑުކަމަށް ލައްޗޭ ހާމަކުރިއެވެ. އަދި ވިކްޓްރީގެ ގޯލްކީޕަރ ޓްރެއިނަރުގެ އިރުޝާދުގެ ދަށުން އިމްރާންވެސް ކުރިއަރަމުން އަންނާނެކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އެބައޮތްކަން ލައްޗޭ ފާހަގަކޮށްފަވެއެވެ.

"މިހާރު ޓީމުގައި މިހިރީ އަންޑަރ ނައިންޓީން ނެޝަނަލް ޓީމުގެ ގޯލްކީޕަރ. ދެން ޔާމީނަށް ވަރަށް ބޮޑަށް އިތުބާރެއްކޮށްފަ އެހާ ޔަންގު ޕްލެޔަރެއް ފީލްޑަށް ނެރެފަ އެހެރީ. ދެން އެހެންވީމަ ކުރިއަށް އޮތްތަނުގައި މިހާރު ހުރި ގޯލްކީޕަރ ޓްރެއިނަރާއެކު ޔާމީންވެސް ހަމަ ކުރިއަށްހުރި މެޗުތަކަށް ދާނީ ދުވަހެއް ދުވަހަކަށްވުރެ ރަނގަޅުވަމުން" އުންމީދީ ޒުވާން ކީޕަރާ ގުޅޭގޮތުން ލައްޗޭ ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކުލަބުން އޮކްޓޯބަރުމަހުގެ ދެވަނަ ދުވަހުގެ ރޭ ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ވާދަކުރުމަށެވެ.

މުބާރާތުގެ ރޭންކިންއަށް ބަލާއިރު އޮޑިންވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ތާވަލުގެ ކުރިން ޖާގަ ހޯދާފައެވެ. ވިކްޓްރީންވެސް ދެ މެޗު ކުޅެފަވާއިރު، އެއް މެޗުން ބަލިވެ އަނެއް މެޗުން ހޯދި މޮޅާއެކު މިހާތަނަށްވަނީ ތިން ޕޮއިންޓު ހޯދާފައެވެ.